04 Mar 2014, 20:47
ކުނި މެނޭޖުކުރުމުގެ ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ގެންދާ ބިދޭސީންނާމެދު ފިޔަވަޅު އެޅުމާ ބެހޭގޮތުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި އިމިގްރޭޝަންއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
އީޕީއޭއިން ބުނީ، މިއަދު ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ، އެކިއެކި ވިސާތަކުގައި އައިސް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސިން ވިޔަފާރި އުސޫލުން ގޭގެއިން ކުނި ނަގައި އެ އުފުލުމުގައި ގިނަ އަދަދަކަށް ހަރަކާތްތެރިވަމުން އަންނާތީ، އެފަދަ ފަރާތްތައް އަލަށް އަމަލުކުރަން ފެށިފައިވާ ކުނި މެނޭޖުކުރުމުގެ ގަވާއިދުގެ ދަށުން އެފަދަ ފަރާތްތައް އީޕީއޭ ގައި ރަޖިސްޓްރީ ކުރެވިދާނެތޯ ބެލުން ކަމަށެވެ.
މަޝްވަރާތަކުގައި އިމިގްރޭޝަން އިން ބުނެފައިވަނީ، ކުނީގެ މަސައްކަތް ކުރުމަށް ވިސާ ދޫކުރެވިފައިވާ ބިދޭސީން ފިޔަވާ އެހެން ފަރާތްތަކަށް އެމަސައްކަތް ކުރުމަށް ގާނޫނީގޮތުން ހުއްދަ ނުދެވޭނެކަމަށެވެ.
ގޭގެއިން ކުނި ނަގާ އުފުލުގެ މަސައްކަތް ބިދޭސީންލައްވައި ކުރުވާނަމަ ކުރެވޭނީ ހަމައެކަނި އެފަދަ މަސައްކަތް ކުރުމުގެ ކޯޓާ ލިބިފައިވާ ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންނަށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.