04 Mar 2014, 20:42
ކޮމާންޑަރު އިސްމާއީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ އެމްއެންޑީއެފް އިންޓަ ޔުނިޓް 13 ވަނަ ފުޓްބޯޅަ މުބާރާތުގެ މެއިން ސްޕޮންސަރަކަށް ބީއެޗްއެމް ޓްރޭޑާސް ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފްގައި ހިމެނޭ ހުރިހާ ޑިޕާޓްމަންޓުތަކަށް ހުޅުވާލައިގެން މިމަހު 1 ން 30 ގެ ނިޔަލަށް އެފްއޭއެމްގެ އެއް ނަންބަރު ޓާފް ދަނޑުގައި ކުރިއަށް ދާ މި މުބާރާތުގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި، ބީއެޗްއެމް ޓްރޭޑާސް އާއެކު ސޮއިކުރީ މިއަދު ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ބީއެޗްއެމް ޓްރޭޑާސް އަކީ ގިނަ ބާވަތްތަކެއް ރާއްޖެ އެތެރެކޮށް ވިއްކަމުން ގެންދާ ބައެކެވެ.
ދިވެހި ސިފައިންގެ ކްލަބުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކްލަބުގެ ރައީސް ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ އެވެ. އަދި ބީއެޗްއެމް ޓްރޭޑާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މާކެޓިން މެނޭޖަރު އިބްރާހީމް ޝަރީފެވެ.
ކޮމާންޑަރު އިސްމާއީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ އެމްއެންޑީއެފް އިންޓަ ޔުނިޓް 13 ވަނަ ފުޓްބޯޅަ މުބާރާތުގައި 22 ޓީމު ބައިވެރިވާ އިރު، އެއްވަނަ ޑިވިޝަނުގައި 09 ޓީމު އަދި ދެވަނަ ޑިވިޝަނުގައި 13 ޓީމެއް މިއަހަރު ބައިވެރިވެފައިވެ އެވެ.