ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކ. ހިންމަފުށީގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު ފޫޓުގެ ހަރުފައެއް އަތުލައިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ރޭ ފަތިހު 4:00 ފެށިގެން މިއަދު ހަވީރު 4:00 އަށް ހިންމަފުށީގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން 11 ގެއެއް ބަލައި ފާސްކޮށް، ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހަތަރު ފޫޓުގެ ހަރުފަ ފެނުނީ ހިންމަފުށީ އަނޯނާ ގެއިން ކަމަށެވެ. އެ ގޭގައި ދިރިއުޅުނު 18 އަހަރުގެ ޒުވާން ފިރިހެން ކުއްޖެއްގެ އަތުން މަސްތުވާތަކެއްޗާއި ބަރަހަނާ ފޮޓޯތަކެއް ވެސް ފެނިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ގެއިން ބަނގުރާ ހުސްކުރި ފުޅިތަކެއް ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.


ހައްޔަރުކުރި މީހުން އަތުލައިގަތީ މަސްތުވާތަކެއްޗާއެކު ކަމަށާއި އެ އެންމެންގެވެސް ކުޑަކަމުދާތަކެތި ޓެސްޓް ކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.


ފުލުހުން ބުނީ ހިންމަފުށިން އަތުލައިގަތް ހަރުފައަކީ "ޕައިތަން އާއިލާ"ގެ ރޯޔަލް ޕައިތަން ނުވަތަ ބޯލް ޕައިތަން ކިޔާ ހަރުފައެއް ކަމަށެވެ.