ބަންގާޅުގައި މިހާރު ކުރިއަށްދާ އޭޝިއާ ކަޕުގައި ޕާކިސްތާނު ކްރިކެޓް ޓީމާއި އިންޑިއާ ކްރިކެޓު ޓީމު ބައްދަލުކުރި ފޯރިގަދަ މެޗަށް ފަހު، އިންޑިއާގެ ޔުނިވާސިޓީއެއްގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން އެ ޔުނިވާސިޓީގައި ކިޔަވާ 150 ކަޝްމީރު ކުދިން ކަނޑާލައިފި އެވެ.

އިންޑިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ޕާކިސްތާނު މޮޅުވީ އެއް ވިކެޓުންނެވެ. ފުރަތަމަ ކުޅެން އަރައި އަށް ވިކެޓަށް އިންޑިއާ އިން 245 ލަނޑު ހެދި އިރު، ޕާކިސްތާނު މޮޅުވީ ޝާހިދު އަފްރިދީ ފޮނުވާލި ދެ ހަޔަކާ އެކު އެވެ.

އިންޑިއާ އާއި ޕާކިސްތާނު ކުޅުނު މެޗަށް ފަހު، ސުވަމީ ވިވެކަނަންޑު ސުބަރުތީ ޔުނިވާސިޓީގައި ހަމަނުޖެހުން ހިނގީ ކަޝްމީރު ކުދިންނާއި އިންޑިއާގެ އެހެން ސަރަހައްދުތަކަށް ނިސްބަތްވާ ކުދިން ވެސް ކުދިންގެ މެދުގަ އެވެ. ކަޝްމީރު ކިޔަވާ ކުދިން ކަނޑާލުމަށް ފަހު، ކަޝްމީރަށް ދިއުމަށް ޔުނިވާސިޓީން އެންގި ކަމުގައި ބައެއް ކުދިންގެ ބެލެނިވެރިން ބުންޏެވެ.

"މެޗުގައި އިންޑިއާ މޮޅު ވަމުން ދިޔަ ވަގުތު، ބައެއް ކުދިން ކަޝްމީރަށް ނިސްބަތްވާ ކުދިންނާއި ދިމާއަށް ފާޑު ފާޑުގެ އަޑުތައް ލެއްވި. ޕާކިސްތާނު މޮޅުވުން ކަޝްމީރު ބައެއް ކުދިން އުފަލުން ރުއި." ޔުނިވާސިޓީގައި ކިޔަވަމުންދާ ކުއްޖެއްގެ ބޭބެއެއް ބުންޏެވެ.

މެޗަށް ފަހު ހިނގި ހަމަނުޖެހުމާ ބެހޭ ގޮތުން ކަޝްމީރު ކުއްޖެއްގެ ބެލެނިވެރިއެއް ބުނީ، ކަޝްމީރު ކުދިން ތިބޭ ހޮސްޓެލްގެ ފަރުނީޗަރުތަކާއި، ކުޑަ ދޮރުތަކުގެ ބިއްލޫރިތައް ކަޝްމީރަށް ނިސްބަތް ނުވާ ކުދިން ތަޅާލި ކަމަށެވެ.

"މެޗަށް ފަހު، ކަޝްމީރަށް ނިސްބަތް ނުވާ ބައެއް ކުދިން ކަޝްމީރު ކުދިން ތިބޭ ހޮސްޓެލް އަށް ދިޔަ. އެމީހުން އެތަނަށް ގޮސް ބައެއް ކަޝްމީރު ކުދިންނަށް ހަމަލާދީ ފަރުނީޗަރުތަކާއި ކުޑަ ދޮރުތަކަށް ވެސް ގެއްލުން ދިން." ކަޝްމީރު ކުއްޖެއްގެ ބެލެނިވެރިއަކު ބުންޏެވެ.

ސުވަމީ ވިވެކަނަންޑު ސުބަރުތީ ޔުނިވާސިޓީގައި ކިޔަވަމުންދާ ހުރިހާ ކުދިންނަކީ ވެސް އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ ސްކޮލަޝިޕްގެ ދަށުން ކިޔަވަމުންދާ ކުދިންނެވެ.