މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ރައީސް ޔާމީން ހުޅުވާލެއްވި މަތީ ތައުލީމުގެ ފުރުސަތައް ކުރިމަތިލުމަށް މި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު، ރައީސް ޔާމީން ހުޅުވާލެއްވީ މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނުން މަތީ ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ދިނުމުގެ ގޮތުން މިދިޔަ މަހުގެ 27ގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯން ސުކީމްގެ ދަށުން ދޫކުރާ މަތީ ތައުލީމުގެ ފުރުސަތުތަކާއި ބޭރުގެ ގައުމުތަކުން ރާއްޖެ އަށް ހަދިޔާކުރި ސްކޮލާޝިޕްތަކުން މި އަހަރު 1001 ދަރިވަރަކަށް މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ނަމަވެސް ރާއްޖެ އަށް އެކި ގައުމތަކުން ހަދިޔާކުރާ ސްކޮލޮޝިޕްތަކުން އެ އަދަދު އިތުރުވުން ގާތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެގޮތުން ރާއްޖޭގައި ކިޔެވުމަށް 500 ފުރުސަތާއި ރާއްޖެ އިން ބޭރުން ކިޔެވުމަށް 501 ފުރުސަތެއް ހުޅުވާލެވޭ އިރު، މަތީ ތައުލީމަށް އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ލޯން ސުކީމްގެ ދަށުން ރާއްޖޭގައި ހުރެގެން މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުރިހާ ހަރަދެއް ހިމެނޭގޮތަށް ދޭ "ފުލް ފަންޑިން" ލޯން ސްކީމް ހުޅުވާލަނީ، 300 ދަރިވަރަކަށެވެ. އެއީ ޑިޕްލޮމާ އަށް ކިޔެވުމަށް 100 ފުރުސަތަކާއި ބެޗްލާސް ޑިގްރީ އަށް ކިޔެވުމަށް 150 ފުރުސަތަކާއި އަދި މާސްޓާސް ޑިގްރީ އަށް ކިޔެވުމަށް 50 ފުރުސަތެވެ.

މަތީ ތައުލީމަށް ކިޔަވާ ކުދިންނަށް ހަމައެކަނި ކޯސްފީދޭ ގޮތަށް ދޫކުރާ ލޯން އެހީގެ ދަށުން މި އަހަރު ހުޅުވާލާފައި ވަނީ، މާސްޓާސް ޑިގްރީއަށް ކިޔަވުމަށް 50 ފުރުސަތަކާއި ބެޗްލާސް ޑިގްރީ އަށް ކިޔެވުމަށް 100 ފުރުސަތެވެ.

ރާއްޖޭގައި މިހާރު ވެސް ކިޔަވަމުންދާ ދަރިވަރުންނަށް މި އަހަރުގެ ލޯން ސުކީމްގެ ދަށުން ހުޅުވާލާފައި ވަނީ 50 ފުރުސަތެވެ. އެއީ މާސްޓާސް ހަދައި 10 ދަރިވަރަކަށާއި ޑިގްރީ އަށް ކިޔަވާ 25 ދަރިވަރެއްގެ އިތުރުން ޑިޕްލޮމާއަށް ކިޔަވާ 15 ދަރިވަރަކަށެވެ.

ރާއްޖޭން ބޭރުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް "ފުލް ފަންޑިންގެ" ގޮތުގައި މި އަހަރު 80 ފުރުސަތެއް ހުޅުވަލެވޭ އިރު، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް 170 ފުރުސަތެއް ހުޅުވާލާނެ އެވެ. އަދި ރާއްޖޭން ބޭރުން މާސްޓާސް ޑީގްރީއަށާއި ޑިގްރީއަށް ކިޔެވުމަށްވަނީ 30 ފުރުސަތެއް މި އަހަރު ހުޅުވާލާނެ އެވެ.

ސިއްހީ ދާއިރާގެ ތެރެއިން އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުން އުފެއްދުމަށް ޕޯސްޓްގްރެޖުއޭޓް މެޑިސިން އަށް ކިޔެވުމަށް 10 ފުރުސަތަކާއި ޖެނެރަލް މެޑިސިން (އެމްބީބީއެސް) އަށް 10 ފުރުސަތެއް މިއަހަރު ހުޅުވާލެވޭނެ އެވެ.

ރާއްޖޭން ބޭރުގައި މިހާރު ވެސް ކިޔަވަމުންދާ ދަރިވަރުންނަށް މި އަހަރު ހުޅުވާލާފައި ވަނީ 270 ފުރުސަތެވެ. އެއީ މާސްޓާސް ޑިގްރީއަށް ދޫކުރާ 70 ފުރުސަތާއި ބެޗްލާސް ޑިގްރީއަށް ދޫކުރާ 100 ފުރުސަތެވެ.

މަތީ ތައުލީމުގެ ފުރުސަތު ހުޅުވާލަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެ ފުރުސަތު ހުޅުވާލާއިރުގައި ރާއްޖެ އަށް އެންމެ ބޭނުންވާ ދާއިރާތަކުން އިސްކަންދެއްވާނެ ކަމަށާއި އެގޮތުން ސިއްހީ ދާއިރާއާއި އިގްތިސާދު ފަދަ މުހިއްމު ދާއިރާތަކަށް އިސްކަންދެވޭނެ ކަމަށެވެ.

"ސިއްހީ ދާއިރާއަށް އަމާޒްކޮށްގެން ޖެނެރަލް މެޑިސިންގެ ފުރުސަތާއި އެކި ބަލިތަކަށް ސްޕެޝިލައިޒްޑް ވުމަށް ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމުގެ ފުރުސަތު ހިމެނޭނެ. މީގެ އިތުރުން އިކޮނޮމިކްސް، ބޭންކިން އަދި ފައިނޭންސިންގެ ދާއިރާތައް ފާހަގަކޮށްލެވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.