ހަމަނުޖެހުން ބޮޑުވެފައިވާ ޔުކްރޭންގައި ތިބި ދިވެހި ހުރިހާ ކިޔަވާކުދިންގެ ހާލުވެސް ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ނިއުޝާދު މިއަދު ވިދާޅުވީ ޔުކްރޭންގައި ތިބި 60 ދަރިވަރުންގެ ހާލުވެސް މިނިސްޓްރީން ގަވައިދުން ބަލަމުން އަންނަ ކަމަށެވެ.

"... އަދި އަޅުގަނޑުމެންނަށް މިހާތަނަށް އެނގިފައެއް ނެތް އެއްވެސް ކުއްޖަކަށް އެއްވެސް ނުރައްކަލަކާ ކުރިމަތިވި ކަމެއް. ޖުމްލަ 60 ކުދިން ތިބިކަން އަޅުގަނޑުމެންނަށް އެނގިފައި ވަނީ. އެ ފަސްދޮޅަސް ކުދިންގެ މޯބައިލް ނަމްބަރު ވެސް އަޅުގަނޑުމެންނަށް ލިބިފައި ވަނީ.؛ އެހެންވީމާ ފަހަރަކު ކުއްޖަކާ ހަމަ ގުޅަމުން މިދަނީ. ދެން އަޅުގަނޑުމެން ގަސްދުކޮށްގެން މިތިބީ މަދުވެގެން ހަމަ ދުވާލަކު ދެފަހަރު ހަމަ ކޮންމެ ކުއްޖެއްގެ ހާލުވެސް ބަލަން،" ނިއުޝާދު ވިދާޅުވި އެވެ.

ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައިވާ ކްރީމިއާ ސަރަހައްދުގައި ވެސް ރާއްޖޭގެ ދެ ކިޔަވާ ކުދިން އެބަތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"... ކްރިމިއާ ސަރަހައްދުގައި ވެސް އެބަތިބި ރާއްޖޭގެ ދެކުދިން. އެކުދިން މިއަދުގެ ވަގުތެއްގައި ކަރްކީވްއަށް ބަދަލުވާނެ. އެއީ ކްރީމިއާގައި ތިބި ބޭރުގެ އެހެން ކިޔަވާ ކުދިންނާ އެކީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކިޔަވާ ކުދިން އަނބުރާ ރާއްޖެ އަށް ގެންނަން ޖެހިއްޖެ ނަމަ ގެނައުމާ ބެހޭ މަޝްވަރާތައް ވެސް މިނިސްޓްރީގެ އިސްވެރިން ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޔުކްރޭންގައި މީގެ ހަފުތާތަކެއް ކުރިން ފެށިގެން ކުރަމުން އައި މުޒާހަރަތަކާއި އެ ގައުމުގެ ވެރިކަން ބަދަލުވުމާ ގުޅިގެން ހާލަތު ވަނީ ގޯސްވެފަ އެވެ. އަދި އޭގެ އިތުރުން އެގައުމުގެ ކްރިމިއާ ސަރަހައްދަށް ރަޝިޔާ ސިފައިން އެރުމުން ހަނގުރާމައެއް ފެށުމުގެ ބިރުވެރިކަން ވެސް ވަނީ އުފެދިފަ އެވެ.