މައިކްރޮސޮފްޓުން އަލަށް ނެރޭ ވިންޑޯސް ފޯން އަޕްޑޭޓް، ވިންޑޯސް ފޯން 8.1 ގައި"ކޯޓާނާ"ގެ ނަން ދެވިފައިވާ އައު ޑިޖިޓަލް އެސިސްޓަންޓެއް ހިމެނޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ވިންޑޯސް ފޯނުތަކުގައި މިހާރު ހުންނަ ސާޗް ޓޫލް “ބިންގް” ގެ ބަދަލުގައި ފެނިގެންދާނެ ކޯޓާނާ އަކީ އެޕަލްގެ ސިރި އާއި ގޫގުލްގެ ގޫގުލް ނައު އާ ވާދަކުރުމަށް ޓަކައި މައިކްރޮސޮފްޓުން ހިމަނާ ސޮފްޓްވެއާ އެކެވެ.

މައިކްރޮސޮފްޓުން ހާމަކުރި ގޮތުގައި ސިރި އާއި ގޫގުލް ނައު އާއި އެއް ހަމައެއްގައި ތަންތަނާ އެއްޗެހި ހޯދައި ގެނެސްދިނުމުގައި ފޯ ސްކްއާ އާއި ބިންގް އާއި އެހެނިހެން ޕްލެޓްފޯމް ތައް ވެސް ކޯޓާނާ އިން ބޭނުން ކުރާނެއެވެ.

އާއްމުކޮށް ފޯނު ބޭނުން ކުރާ ގޮތާއި ސާޗް ކުރާ އެއްޗިއްސަށް ބިނާކޮށް، ފޯނު ބޭނުން ކުރާ މީހާ ހިޔާރު ކުރާ ކަންކަމަކީ ކޮބައިކަން ކޯޓާނާއިން ދެނެގަނެއެވެ. އަދި މި މައުލޫމާތު ތަކުގެ އަލީގައި ފޯނު ބޭނުން ކުރާ މީހާގެ ޕާސަނަލައިޒްޑް ޑިޖިޓަލް އެސިސްޓަންޓް ގެ ގޮތުގައި މަސައްކަތް ކުރެއެވެ.

ގޫގުލް ނައު އާއި ސިރި އާ ކޯޓާނާ ތަފާތުކޮށްދޭ އެންމެ ބޮޑު އެއް ފީޗާ އަކީ ކޯޓާނާ ގައި ހިމެނޭ “ނޯޓް ބުކް” އެވެ. މި ނޯޓް ބުކް ގައި ފޯނުގެ ވެރި ފަރާތުގެ އެޑްރެހާއި، މަސައްކަތް ކުރާ ތަނުގެ އެޑްރެހާއި އަދި އެ ނޫންވެސް ޒާތީ މައުލޫމާތު ރައްކާ ކުރެއެވެ. އަދި ނޯޓް ބުކްގައި ރައްކާ ކުރެވޭ މައުލޫމާތަކީ ވެރިފަރާތުގެ ހުއްދަޔާ އެކު ރައްކާ ކުރެވޭ މައުލޫމާތު ތަކަކަށް ވުމުން، މިއީ އައި އޯއެސް އާއި އެންޑްރޮއިޑް ފޯނުތަކުގައި ނުހިމެނޭ، ވަރަށްވެސް ރަނގަޅު ޕްރައިވަސީ ފީޗާއެއް ކަމަށް މާހިރުން ދެކެއެވެ.

ފޯނަށް އަންނަ މެސެޖް ތައްވެސް ކޯޓާނާ ދެނެގަނެއެވެ. މިސާލަކަށް، މާދަމާ ހެނދުނު 8 ޖަހާ އިރު ބައްދަލުކޮށްލަން ބޭނުންވާ ކަމަށް މެސެޖެއް އަތުވެއްޖެ ނަމަ ފޯނުގެ ކަލަންޑަރުގައި މާދަމާ ހެނދުނު 8 ޖަހާއިރު ބައްދަލުވުމެއް އެބަ އޮތްކަމަށް އެންޓްރީއެއް ހަދައިދޭންވީތޯ ކޯޓާނާ އަހާނެއެވެ. އަދި އީމޭލްތަކާ ފްލައިޓް އައިޓިނަރީ ތަކަށްވެސް މިފަދައިން ކޯޓާނާ ރެސްޕޮންޑް ކުރެއެވެ.

މޫސުމާއި، ސްޓޮކް މާކެޓަށް އަންނަ ބަދަލުތަކާއި، މެޕް އިން ޑައިރެކްޝަން ދައްކައި ދިނުމާއި، އެޕޮއިންޓްމަންޓް ތަކާއި މިއުޒިކް އާ ބެހޭ މައުލޫމާތުވެސް ކޯޓާނާއިން ފޯރުކޮށްދޭނެއެވެ. އަދި އައިއޯއެސް އެކޭ އެއްގޮތަށް “ޑޫ ނޮޓް ޑިސްޓާބް” ފީޗާއެއްވެސް ކޯޓާނާގައި ހިމެނެއެވެ. މި ފީޗާ އޮން ކުރުމުން ހިޔާރު ކުރާ މީހުން ފިޔަވާ އެހެން މީހުން ކުރާ މެސެޖް ތަކާއި ފޯން ކޯލްތަކުގެ އަޑެއް ނީވޭނެއެވެ.

މި އަހަރު ފަހުކޮޅު ވިންޑޯސް ފޯން 8.1 ނެރޭނެ ކަމަށް މައިކްރޮސޮފްޓް އިން ވަނީ ބުނެފައެވެ. ސިރި އާއި ގޫގުލް ނައުގެ ފީޗާތައް އެއްކޮށްލާފައިވާ ކޯޓާނާއަކީ ވިންޑޯސް ފޯނަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށް ގިނަ މީހުން ދެކޭއިރު، އެޕް ފަރުމާ ކުރާ ތާޑް ޕާޓީ ފަރާތްތަކަށް ކޮންޓާނާއަށް އެޕްލިކޭޝަން އުފެއްދުމުގެ ފުރުސަތު ހުޅުވާލުމަކީ ވިންޑޯސްފޯނުގެ ކުރިއެރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް މާހިރުން ދެކެއެވެ.