ވޯލްޑް ބޭންކުގެ އެހީގައި ހިންގަމުންދާ މޯލްޑިވްސް އެންވަޔަރަންމަންޓް މެނޭޖްމަންޓް ޕްރޮޖެކެޓްގެ ދަށުން ރ. އަތޮޅުގެ ތިން ރަށެއްގައި ކުނިކޮށިތައް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރ. އަތޮޅު ރަސްގެތީމާއި ރަސްމާދޫގެ އިތުރުން އަނގޮޅެތީމުގައި ކުނި ކޮށި ގާއިމް ކުރުމަށް ހަވާލުކޮށްފައި ވަނީ ބްރޯހުޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަަސަން ޝާހް އެވެ. މަސައްކަތް ހަވާލުކުރެވުނު ބްރޯހުޑް ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނައީމެވެ.

ސޮއިކުރުމަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ޝާހް ވިދާޅުވީ 2.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ ތިން ރަށުގައި ކުނިކޮށި އެޅުމަށް ބްރޯހުޑް ކޮންސްޓްރަކްޝަން އާއި ހަވާލުކުރީ މަސައްކަތް ހަވާލުކުރާތާ 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކުރާ ގޮތަށް ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 24 ގައި އުތުރުގެ އިތުރު ތިން ރަށެއްގައިވެސް ކުނިކޮށި އެޅުމަށް ބަޔަކާ ހަވާލުކޮށްފަ އެވެ. އެގޮތުން ޅ. ކުރެންދޫ އާއި އެ އަތޮޅު އޮޅުވެލިފުށީގެ އިތުރުން ރ. ކިނޮޅަހުގައި ރަށުފެންވަރުގެ ކުނި ކޮށިތަކެއް ގާއިމް ކުރުމަށް ހަވާލުކޮށްފައި ވަނީ ވުޑް ވާކްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މީގެ އިތުރުން ބ. އޭދަފުށީގައި ކުނި ކޮށްޓަކާއި ޅ. ނައިފަރު އަދި ނ. މަނަދޫގައި ހުރި ކުނިކޮށި އިތުރަށް ތަރައްގީ ކުރުމަށްވެސް މިދިޔަ މަހުގެ ތެރޭގައި އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.