20 Dec 2010, 10:39
އަހަރުގެ ތެރޭގައި އަންނަ އެންމެ ރީތި ތާރީހަކީ ގިނަ ބަޔަކަށް ވަރަށް މުހިންމު ދުވަހަކަށް ވެއެވެ. އަހަރުގެ އެންމެ ރީތި ތާރީހު އަބަދުވެސް އެންމެ ބޮޑަށް ހާއްސަވާ ބަޔަކަށް ރާއްޖޭގައި ވެފައި އޮންނަނީ އަލަށް ކައިވެނި ކުރާ މީހުންނެވެ. އެހެން ކަމުން އަންނަ އަހަރު އެންމެ ރީތި ތާރީހު ކަމަށްވާ 11-11-11 ގައި ކައިވެނި ކުރުމަށް ވެސް ވަރަށް ގިނަ ބަޔަކު ބޭނުންވާނެ އެވެ.
އެހެންނަމަވެސް އަންނަ އަހަރުގެ ރީތި ތާރީހުގައި އާ ކައިވެނި ކުރަން ނިޔަތް ގަނެ "މާސްވެޑިން" އަށް ދާން ތިބި ލޯބިވެރިންނަށް އޮތީ ހިތާމަވެރި ހަބަރެކެވެ.
އަންނަ، 2011 އިގެ އެންމެ ރީތި ތާރީހުގައި ކައިވެނިތައް ކުރުމުގެ ފުރުސަތެއް ނެތެވެ. އަންނަ އަހަރުގެ ތެރޭ ކައިވެނި ނުކޮށްދޭ ދުވަސްތަކުގެ ކަލަންޑަރެއް ފެމިލީ ކޯޓުން އިއުލާން ކޮށްފައިވާއިރު 11-11-11 ގައި އެއްވެސް ކައިވެންޏެއް ނުކޮށްދޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
އަންނަ އަހަރުގެ އެންމެ ރީތީ ތާރީހުގައި ކައިވެނި ނުކޮށްދޭ ގޮތަށް ހަމަޖައްސާފައި ވަނީ ޖުމްހޫރީ ދުވަހަށް ވުމުގެ އިތުރުން، ހުކުރު ދުވަހަކަށް އެދުވަސް ދިމާވުމާއި ބޮޑު އީދުގެ ބަންދުގެ ދުވަސްތަކާ ދިމާވާތީ އެވެ.
"އެއީ ބާރު ބޮޑުވާނެ ދުވަހެއް. އެކަމަކު މިފަހަރުގެ ރީތި ތާރީހުގައި ކައިވެނި ނުކޮށްދޭ ގޮތަށް އޮތްކަން އަދި ގިނަ ބަޔަކަށް ނޭނގޭނެ، އެކަމަކު މިހާރު ވާނީ ކައިވެނި ނުކޮށްދޭ ދުވަސްތައް އިއުލާންކޮށްފައި،" ފެމިލީ ކޯޓްގެ އޮފިޝަލު ވިދާޅުވި އެވެ. އެދުވަހު ކައިވެނި ނުކޮށްދޭ ގޮތަށް އޮތް އިރު، އެދުވަހު ކައިވެނި ކުރުމަށް އެދި ކިޔޫ ޖެހިފައިވާ މީހުން އަދަދެއް ފެމިލީ ކޯޓަކުން ނުބުނެ އެވެ.
އަންނަ އަހަރުގެ އެންމެ ރީތި ތާރީހުގައި އަލަށް ކައިވެނި ކުރާ މީހުންގެ "މާސްވެޑިން" އަށް ފުރުސަތު ނެތް އިރު ފެމިލީ ކޯޓްގެ ކަލަންޑަރު ބުނާ ގޮތުން 2011 ގައި ދެން އަންނަ އެންމެ ރީތި އެއް ތާރީހު ކަމަށްވާ ޖެނުއަރީ އެއް ވަނަ ދުވަހު ވެސް ކައިވެނި ކުރުމުގެ ފުރުސަތެއް ނެތެވެ.
ކަލަންޑަރުގައި އެހެން އޮތް ނަމަވެސް ފެމިލީ ކޯޓުން ބުނީ އާ އަހަރު ފަށާ ހޮނިހިރު ދުވަހު ކައިވެނިތައް ނުކޮށްދޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް އެދުވަހު ކައިވެނިތައް ކޮށްދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އާ އަހަރު ފެށޭ ދުވަހު ކައިވެނި ކުރުމަށް ވަރަށް ގިނަ ބަޔަކު މިހާރު ނަން ނޯޓު ކޮށްފައިވާ ކަމަށް ވެސް ކޯޓް އޮފިޝަލު ވިދާޅުވި އެވެ. އެ އަދަދެއް ވެސް ކޯޓަކުން ހާމައެއް ނުކުރެ އެވެ.