ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ސްޕެއިން ކޯޗު އެންޖެލް ޕެރޭޒް ގާސިއާގެ ކޮންޓްރެކްޓް އެ ކުލަބުން އުވާލައިފި އެވެ.

ކޯޗު ގާސިއާގެ ކޮންޓްރެކްޓް އުވާލިކަން، ނިއު އިން ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ނިއުގެ ބޯޑު މެންބަރު އަހްމަދު ޒަރީރު ވިދާޅުވީ، މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން ނިއު އަށް މި ސީޒަނަށް ގެނައި ކޯޗު، ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ގާސިއާގެ ކޮންޓްރެކްޓް އުވައިލީ ކޯޗާއި ކުލަބާއި ދެމެދު ވާހަކަ ދެކެވިގެން ކަމަށާއި، ސީޒަން ފަށަން ގިނަ ދުވަސްތަކެއް އޮތުމުން ކަމަށެވެ.

"ކޯޗުގެ ކޮންޓްރެކްޓް އުވައިލީ ކޯޗާއި ކުލަބާއި ދެމެދު ވާހަކަ ދެކެވިގެން. އެގޮތަށް ނިންމީ ސީޒަން ފެށުން ލަސްވުމާއި، އޭއެފްސީ ޗެލެންޖް ކަޕު ކުރިއަށް އޮތުމާއި ގުޅިގެން ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ކުޅުންތެރިން ދިއުމުން ނިއުގެ ފަރިތަކުރުން އެ ދުވަސްތަކުގައި ނޯންނާނެތީ. އަދި ކޯޗު ވެސް ބޭނުންވަނީ އާއިލާއާ އެކުގައި ވަގުތު ހޭދަކުރަން." ޒަރީރު ވިދާޅުވި އެވެ.

ނިއު އިން ބުނީ، އެ ކުލަބަށް އާ ކޯޗެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ނިއުގެ ކޯޗެއްގެ ގޮތުގައި ގާސިއާ ކޮށްދިން ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށާއި އަދި ކުރިމަގުގައި ކާމިޔާބީ އެދޭ ކަމުގައި އެޓީމުގެ ރަސްމީ ވެބްސައިޓުގައިވެ އެވެ.

ނިއުރޭޑިއެންޓްގެ ކޯޗަ ކަމާ ގާސިއާ ހަވާލުވިފަހުން، އެޓީމު މިހާތަނަށް ކުޅެފައިވަނީ، ވާދަވެރި އެންމެ މެޗެކެވެ. އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖްގައި، މިދިޔަ މަހު ސިންގަޕޫރުގެ ހޯމް ޔުނައިޓެޑާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު މެޗުން ނިއު މޮޅުވީ 1-0 ލަނޑުންނެވެ.