04 Mar 2014, 12:30
މަޝްހޫރު ލިޔުންތެރިޔާ އަދި ގާނޫނީ ވަކީލު އަހްމަދު ނަޖީބު މަރާލުމުގެ ކުށް ސާބިތުވެ މެރުމަށް ހުކުމްކޮށްފައިވާ ށ. ގޮއިދޫ ރިހާބު، ފާތިމަތު ހަނާ އަކީ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖަސަން ޝަރުތު ހަމަވާ މީހެއް ނޫންކަމަށް ބަންޑާރަ ނާއިބްގެ އޮފީހުން ހައިކޯޓަށް އަންގައިފި އެވެ.
ހަނާ މެރުމަށް ކުރި ހުކުމް އޭނާ ހައިކޯޓުގައި އިސްތިއުނާފުކުރުމުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ، ބަންޑާރަ ނާއިބްގެ އޮފީހުން އެގޮތަށް އަންގާފައިވާތީ އަމިއްލަ ހަރަދުގައި ވަކީލަކު ހަމަޖެއްސުމަށް ހަނާއަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.
ވަކީލަކު ހަމަޖައްސަން ކިހާ މުއްދަތެއް ބޭނުންވޭތޯ ފަނޑިޔާރު އެއްސެވުމުން ހަނާ ބުނީ ތިން މަސް ދުވަސް ބޭނުންވާ ކަމަށެވެ.
"އިއްޒަތްތެރި ފަނޑިޔާރު ވެސް ވިދާޅުވީމެއް ނޫންތޯ މިބާވަތުގެ މައްސަލައަކީ ވަކީލަކު ހަމަޖައްސައިގެން ނޫނީ ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް. އަޅުގަނޑު އަދިވެސް ބޭނުންވަނީ ވަކީލަކު ހަމަޖެސުމުގެ ފުރުސަތު،" ހަނާ ބުންޏެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ހަނާ އެދުނު ގޮތަށް ވަކީލަކު ހަމަޖެއްސުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ދައުލަތުން އިއުތިރާޒު ނުކުރާކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ކުރިން ވަކީލަކު ހަމަޖެއްސިއްޖެނަމަ ވީހާވެސް އަވަހަކަށް ޝަރީއަތް ބާއްވައި ދިނުމަށް އެދޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ބެންޗުން ހަނާއަށް އަންގާފައި ވަނީ ވީހާވެސް އަވަހަކަށް ވަކީލަކު ހަމަޖެއްސުމަށްފަހު ކޯޓަށް އެކަން އެންގުމަށެވެ. އަދި މިއީ ވަކީލަކު ހަމަޖައްސަން ހަނާއަށް ދެވޭ އެންމެ ފަހުގެ ފުރުސަތު ކަމަށް ވެސް ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެނުންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ.
ހަނާއާ އެކު މަރުގެ ހުކުމް އިއްވާފައިވާ އޭނާގެ ކުރީގެ ލޯބިވެރިޔާ މުއްރަތު ވެސް ވަނީ އޭނާ މެރުމަށް ކުރި ހުކުމް އިސްތިއުނާފުކޮށްފަ އެވެ.
ތޫނު އެއްޗަކުން ހަމަލާދީ ނަޖީބު މަރާލި ކަމަށް މުއްރަތު ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފަ އެވެ.
މުއްރަތު ބުނެފައި ވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭ މ. މަސްރޫރާގެއަށް ނަޖީބު ވަޑައިގަތުމުން އެގޭގައި، އޭނާ އާއި ހަނާ ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއާ) އެއްގައި ނަޖީބު ބައިންދާ ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތިން ވަށައި ޖެހޭ ގޮތަށް ޓޭޕްއެޅި ކަމަށެވެ.
ނަޖީބު އެގޮތަށް ގޮނޑީގައި އިންނެވި އިރު އަޑުގަދަ ކުރައްވާތީ އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ އޭނާ މާރާލި ކަމަށް މުއްރަތު ވަނީ ބުނެފަ އެވެ.
ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހަނާވެސް ވަނީ އެކަންތައްތަކަށް އެއްބަސްވެފަ އެވެ.