04 Mar 2014, 12:21
އޮސްޓްރޭލިއާ ގައުމީ ކްރިކެޓު ޓީމާއި ދެކޮޅަށް ކުޅޭ ޓެސްޓް މެޗަށް ފަހު ރިޓަޔާ ކުރާނެކަން ސައުތު އެފްރިކާ ކްރިކެޓް ޓީމުގެ ކެޕްޓަން ގްރައެމޭ ސުމިތު އިއުލާންކޮށްފި އެވެ.
މި ހަބަރާއެކު އެންމެ ބޮޑު ހައިރާންކަމެއް ލިބިގެންދާނީ ސައުތު އެފްރިކާ އަދި ގްރައެމޭގެ ސަޕޯޓަރުންނަށެވެ. މިދިޔަ އަހަރު ދިމާވި އަނިޔާއަށް ފަހު ރިޓަޔާ ކުރުމާ މެދު ވިސްނި ކަމުގައި ގްރައެމޭ ބުނެފައިވެ އެވެ.
"މި ނިންމުމަކީ އަހަރެންގެ ހަޔާތުގައި ނިންމި އެންމެ އުނދަގޫ ނިންމުން." އުމުރުން 33 އަހަރުގެ ގްރައެމޭ ބުންޏެވެ. "އޭޕްރީލް މަހު ދިމާވި ކަކުލުގެ އަނިޔާ އަށް ފަހު، އަހަރެން ރިޓަޔާ ކުރުމާ ދޭތެރޭ ވިސްނިން. އަހަރެންނަށް ވިސްނުނީ ނިއުލޭންޑްސް ގައި ކެރިޔަރު ނިންމާލުމަކީ އެންމެ ރަނގަޅު ތަން ކަމުގަ. އެ ތަނަކީ އަހަރެންގެ އުމުރުން 18 އަހަރުވީ އިރުއްސުރެ، އަހަރެން ދިރިއުޅެމުންދާ ތަން."
އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅޭ އެންމެ ފަހު މެޗަށް ގްރައެމޭ ނުކުންނަ އިރު، ސައުތު އެފްރިކާ އަށް އޭނާ ވަނީ 9,257 ލަނޑު ހަދައިދީފަ އެވެ. ސައުތު އެފްރިކާގެ ކްރިކެޓު ތާރީހުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ޖުކުއެސް ކަލިސް އަށް 13,289 ލަނޑު ހަދައިފައިވެ އެވެ.