ގ. ވޭރު އަބްދުލް މުހީތު މަރާލުމުގެ ކުށުގައި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ ރަނގަޅަށް ކަމަށް ދައުލަތުން ބުނެފި އެވެ.

ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ކުއްޖާގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މުހީތަށް ހަމަލާދިނީ އޭނާ ފިނޭންސް މިނިސްޓްރީ ކުރިމަތީ ހުންނަ ކޮޅުބެދިފައިވާ ގޯޅިގަނޑުގެ ތެރޭގައި ހުރި ސައިކަލެއްގެ މަތީގައި އިންދާކަމަށް އެއްވެސް ހެއްކަކު ދެބަސްވެފައިނުވާ ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭ ދަންވަރު 1:50 އެހައިކަންހާއިރު 18 އަހަރުން ދަށުގެ އެ ކުއްޖާއާއި އިތުރު ބަޔަކު މުހީތަށް ހަމަލާދިންކަމަށް ދައުލަތުން ހުށަހެޅި ތިން ހެކީން ވެސް ބުނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅިގަނޑު ތެރޭގައި ހުއްޓައި ހަމަލާދިން އިރު މުހީތު ހުރި ސީދާ ޕޮއިންޓު ހެކީންނަށް ނޭގުމަކީ އެ ކުއްޖާ މުހީތަށް ހަމަލާ ނުދޭކަން ބެލެވޭނެ ކަމެއް ނޫން ކަމަށެވެ.

ހާދިސާ ހިނގިތާ ޖެހިގެން އައިދުވަހު ރެކޯޑުކޮށްފައިވާ ފޯންކޯލް ރެކޯޑިންތައް އަޑުއެހުމުން އެ ކުއްޖާ އާއި އެ މައްސަލައިގައި ދައުވާ ކޮށްފައިވާ އެހެންމީހުން މުހީތަށް ހަމަލާދިން ގޮތް ކިޔައިދީފައިވާ ކަމަށާއި އެ ފޯންކޯލްތައް އަޑުއެހުމުން އެ މައުލޫމަތަކީ އެއަމަލުގައި ބައިވެރިނުވާ މީހަކަށް ނޫނީ އެނގޭނެ މައުލޫމާތެއް ނޫންކަން އެނގިގެންދާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ފޯން ކޯލް އަޑުއެހުމުން މުހީތު މަރާލިރޭ އެ ކުއްޖާ އުޅުނީ އެ މައްސަލައިގައި ދައުވާ ލިބޭ އެހެން މީހުންނާ އެކުގައިކަން އެނގޭ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލްގެ ސީސީޓީވީ ފްޓޭޖަށް ބެލިއިރު ހާދިސާ ހިނގިތާ ފަހުގެ ގަޑިއެއެއްގައި އެ ކުއްޖާ އާއި އެ މައްސަލައިގައި ދައުވާ ލިބޭ އެހެން މީހުން އެ ހޮސްޕިޓަލްގައި ހަރަކާތްތެރިވާ މަންޒަރުފެނަ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކީންނަކީ ހެކީންގެ ކިބައިގައި ހުންނަ އަދުވެރިކަން ގެއްލޭ ފަދަ ކަމެއް ފެނިފައިވާ ބަޔަކަށް ނުވާތީ އެ ހުރިހާ ކަންކަމުގެ މައްޗަށް ރިއާޔަތް ކުރާއިރު ޖުވެނައިލް ކޯޓުގެ ހުކުމަށް ބަދަލުގެންނަން ޖެހޭ ތަނެއް އޮތްކަމަށް ދައުލަތުން ނުދެކޭ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެ ކުއްޖާގެ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހެޅި ބަޔާނަށް ރައްދުދިނުމަށް ފުރުސަތު ބޭނުންވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދައުލަތުން ދެއްކި ވާހަކަތަކުގެ ރައްދުގައި ބަޔާންތައްޔާރުކުރުމަށް އެ ކުއްޖާގެ ވަކީލަށް ފުރުސަތު ދެއްވުމަށް ފަހު އެވެ.

މުހީތު މަރާލުމުގެ ކުށުގައި 18 އަހަރުން ދަށުގެ އިތުރު ކުއްޖަކު މެރުމަށް ވެސް ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ނަމެވެސް އެ މައްސަލަ އަދި އިސްތިއުނާފު ކޮށްފައެއް ނުވެ އެވެ.