ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ޓްވީޓެއް ކުރައްވާފައިވާ ކަމަށް ބުނާ މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ މައްޗަށް ދައުވާ ކުރާނެ ތަނެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް އިން ކަނޑައަޅައިފި އެވެ.

ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ޓްވީޓެއް ކުރެއްވި ކަމަށް ބުނެ ސުޕްރީމް ކޯޓުން ވަނީ އެއްވެސް ކޯޓެއްގައި ސުއޫދަށް ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑުކޮށް އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

އެ މައްސަލައިގައި ސުއޫދު ކުރިން ވިދާޅުވެފައި ވަނީ ޖޭޕީގެ މައްސަލައާ ގުޅިގެން އޭނާ ޓުވީޓެއް ކުރައްވާފައިނުވާނެ ކަމަށެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުލުހުން އެ އޮފީހަށް ހުށަހެޅުމުން މައްސަލައިގައި ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށް ފަހު ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ނިންމީ ސުއޫދުގެ މައްސަލައިގައި ދައުވާ ކުރާނެ ތަނެއް ނެތް ކަމަށް،" އޭނާ ވިދާޅުވި އެވެ.

ސުއޫދު މިއަދު ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް ޕީޖީ އޮފީހުން ނިންމާފައިވާތީ އޭނާ ސަސްޕެންޑްކޮށްފައި ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށާއި ސުޕްރީމް ކޯޓުން އެ މައްސަލައިގައި އަވަހަށް ގޮތެއް ނިންމަންޖެހޭ ކަމަށެވެ.

"ޕީޖީ އޮފީހުން ވެސް މިހާރު އެ އޮތީ ނިންމާފައި އަޅުގަނޑުގެ މައްޗަށް ދައުވާ ނުކުރަން. ދެން މިހާރު ސުޕްރީމް ކޯޓުން އެބަޖެހޭ ގޮތެއް ނިންމަން. އަޅުގަނޑު ސަސްޕެންޑް ކޮށްފައި ހުރުމަކީ އާބިޓްރަރީ ނިންމުމެއް،" ސުއޫދު ވިދާޅުވި އެވެ.