04 Mar 2014, 11:46
ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ސިސްޓަމެއް ކަމުގައިވާ ސައުތު އީސްޓް އޭޝިއާ މިޑްލް އީސްޓް ވެސްޓާން ޔޫރަޕް 4 (ސީ.މީ.ވީ 4) އަށް ދިމާވި ކުއްލި މައްސަލަ ހައްލުކޮށްފި އެވެ.
ސީ.މީ.ވީ 4 އަށް މައްސަލައެއް ދިމާވި ކަން ދިރާގުން އިއްޔެ އާންމު ކުރި ބަޔާނެއްގަ ބުނެފައިވެ އެވެ. އެ މައްސަލަ ރޭ މަންދަމު 01:40 ގައި ހައްލުވެފައިވާ ކަމަށާއި މިހާރު އެ ކޭބަލް މެދުވެރިކޮށް އަލުން ހިދުމަތް ދޭން ފަށައިފައިވާ ކަމަށް ދިރާގުން މިއަދު ނެރުނު ބަޔާނެއްގަ ބުންޏެވެ. އިއްޔެ ދިމާވި މައްސަލަ އަކީ އިޖިޕްޓްގެ އެލެގްޒެންޑްރިއާ ހިސާބުގައި އަޅާފައިވާ ސީ.މީވީ 4 ކޭބަލް ކަނޑައިގެން ކަނޑައިގެން ދިއުމުން ދިމާވި މައްސަލައެއް ކަމުގައި ދިރާގުން ހާމަކޮށްފައިވެ އެވެ.
އިއްޔެ ދިމާވި މައްސަލަ އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ހޮސްޓް ކުރެވިފައިވާ ބައެއް ވެބްސައިޓްތަކަށް ވަނުމުގައި އަދި ބްރައުޒް ކުރުމުގައި ލަސްވުން ފަދަ ކަމެއް ދިމާވެދާނެތީ، އެ މައްސަލަ ހައްލުވަންދެން ދިރާގުން ވަނީ ޑައިވާސިޓީ ރޫޓްތައް ބޭނުންކޮށްގެން ހިދުމަތް ދީފަ އެވެ.
މިއީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް އަށް ދިމާވި ދެވަނަ މައްސަލަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދިރާގުގެ ސަބްމެރިން ކޭބަލް ކަނޑައިގެން ދިއުމުގެ ސަބަބުން އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ދަތިތަކަކާއި ކުރިމަތިވި އެވެ.