04 Mar 2014, 11:28
މުހައްމަދު އަލީ، 27، އަކީ ސަރުކާރުގެ އޮފީހެއްގައި ވަޒީފާ އަދާ ކުރާ މީހެކެވެ. އޭނާ އަކީ އޮފީހުގެ ކަންކަމަށް ވަރަށް ބޮޑު ސަމާލުކަންދޭ މީހެކެވެ. ހާއްސަކޮށް ގަޑިޔަށް އޮފީހަށް ދިއުމަކީ ކޮންމެ ދުވަހެއްގެ ވެސް އޭނާގެ އަޒުމެވެ. ނަމަވެސް ފަހަކަށް އައިސް އޭނާ ވަނީ ކިތަންމެ ބޭނުން ނުވި ނަމަވެސް ގަޑި ޖެހުމުގެ "ލަދު" ގައި ބެދިފަ އެވެ. އޮފީހަށް ގަޑިޖެހޭނީ ދެ ތިން ބަޔާންވެސް ނަގައިފި އެވެ. ގަޑިޖެހުމަކީ އޭނާއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ވޭނެވެ. އެކަމުގައި އޭނާގެ ކުށެއް ނެތެވެ. ސަބަބަކަށް ވެފައި އޮންނަނީ ހުޅުމާލެއިން އައުމުގެ ދަތިތަކެވެ.
"މިހާރަކަށް އައިސް މިކަން ވެއްޖެ ބޮޑު ވޭނަކަށް، 8:00 ޖަހާއިރަށް އޮފީހަށް ދިއުމަށް 6:30 ގައި ފެރީ ޓާމިނަލަށް ގޮސްގެންވެސް ގިނަ ފަހަރަށް ނާދެވޭ، ދެން މިއީ އިންސާނުންނަށް ކެތްވާވަރެއް ނޫންދޯ،" ހުޅުމާލެ ފެރީތަކުގެ ޝަކުވާ ކުރަމުން އަލީ ކިޔައިދިނެވެ.
ލަފާކުރެވޭ ގޮތުގައި ހުޅުމާލޭގެ އާބާދީ މިހާރު ގާތްގަނޑަކަށް 30،000 އަށް ވުރެ އިތުރެވެ. އޭގެ ތެރެއިން ކޮންމެ މީހެއް ކައިރި ހުޅުމާލެ އަށް ބޭނުން ވަނީ ކޮންކަމެއްހޭ އެހި ނަމަވެސް އެންމެ ފުރަތަމަ ބުނާނެ ބަހަކަށް ވާނީ "ފެރީގެ ވޭނުން" ސަލާމަތް ވުމެވެ.
ހުޅުމާލެ އާއި މާލޭގެ ޓާމިނަލް ތޮއްޖެހި ފުރޭލެއް މަދެއް ނޫނެވެ. އެކަން އެންމެ އާންމުވަނީ ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރުގެ އިތުރުން ބަންދު ދުވަސްތަކުގަ އެވެ. ހަގީގަތުގައި ވެސް އެ މައްސަލައަށް މިހާރު ހައްލެއް ބޭނުންވެ އެވެ.
މާލޭ-ހުޅުމާލޭ ފެރީއަށް މިހާރު ބާރު ބޮޑުވަނީ ކީއްވެގެންބާވަ އެވެ؟ ހުޅުމާލޭގައި މީހުން އަލަށް އާބަދުވި ސަރަހައްދު ނުވަތަ އާންމުކޮށް ކިޔައި އުޅޭ ގޮތުން ނަމަ "ޗައިނާ ޓައުން"ގެ އާބާދީ އިތުރުވުމަކީ މީގެ ސަބަބެއް ކަމަށްވެދާނެ އެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ ހުޅުމާލެއަށް އެތައް ހާސް ބަޔަކު އަލަށް ބަދަލުވި އިރު ފެރީތައް ހުރި ގޮތަށް ހުރީ އެވެ. ޝެޑިއުލްތަކަށް ވެސް ބަދަލު ގެނެސްފައެއް ނުވެ އެވެ. ފެރީ ދަތުރު ކުރާ ސްޕީޑު ވެސް ބާރެއް ނުވެ އެވެ.
މާލެ އަކީ ތޮއްޖެހިފައިވާ ތަނެކެވެ. ނަމަވެސް ބޭނުންވާ ހިދުމަތްތައް ލިބޭނީ މާލެއިން ކަމުން މިތަނަށް ނައިސް ވާކަށް ވެސް ނޯވެ އެވެ. ވިލިމާލެ އާއި ހުޅުމާލެއަކީ މާލޭގެ އަވަށެއްގެ ގޮތުގައި ހަމަޖައްސާފައިވާ އަވަށްތަކެވެ. އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށް އެތައް އަހަރަކަށް ބަހާލައިގެން ތަރައްގީކުރަމުންދާ ހުޅުމާލޭގެ ތަރައްގީގެ މަޝްރޫގެ އެންމެ ބޮޑު އަމާޒަކީ ނުވަތަ ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިއަކީ މާލޭގެ އާބާދީ ވަކި މިންވަރަކަށް ކޮންޓުރޯލްކޮށް ހުޅުމާލެއަކީ މީހުން ހިތް ފަސޭހަކޮށް ޒަމާނީ ފެންވަރެއްގައި ދިރިއުޅޭ ރަށަކަށް ހެދުމެވެ. ނަމަވެސް ކަންކަން މިހާތަނަށް އޮތް ގޮތުން ގިނަ ބޭނުން ތަކުގައި އަދިވެސް އަންނަން ޖެހެނީ މާލެއަށެވެ. މާލެ އައުމަށް އޮންނަ މަގަކީ އެމްޓީސީސީގެ ފެރީތަކެވެ.
އެކި އުމުރުގެ ގިނަ ފަރާތްތަކަކުން އެތައް ބޭނުމަކަށް ހުޅުމާލެއިން މާލެއަށް އަދި މާލެއިން ހުޅުމާލެއަަށް އެމްޓީސީސީގެ ފެރީތަކުގައި ދަތުރުތައް ކުރަން ޖެހެއެވެ. އެމްޓީސީސީއިން ލަފާކުރާގޮތުގައި ހުޅުމާލޭ ފެރީތަކުން ކުރިން ދުވާލަކު 12،000 މީހުން ދަތުރުކުރި ނަމަވެސް މިހާރު 14،000 މީހުން ކޮންމެ ދުވަހަކު ވެސް ދަތުރުކުރެ އެވެ. ބަންދު ދުވަހެއް ނަމަ އެ އަދަދު 20،000 އަށް އަރައިގެންދެ އެވެ.
ފެރީތަކަށް ބާރު ބޮޑުވުމުގެ ސަބަބުން ހުޅުމާލެއިން ކޮންމެ ދުވަހަކު ގަޑިޖެހިގެން މާލޭގައި ހުންނަ އޮފީހަށް އަންނަންޖެހޭ މުހައްމަދު ކަހަލަ މީހުންނަށް ފެރީގެ ހިދުމަތް ވޭނަކަށްވި ނަމަވެސް ސަރުކާރުގެ ނަޒަރުގައި ފެރީތަކުގެ މައްސަލައެއް ނެތެވެ.
"އާންމުކޮށް ބާރު ބޮޑުވަނީ މީހުން ކެމްޕެއިންތަކަށް އައުމާއި އެކަހަލަ ބައެއް ކަންކަމުގައި ބާރު ބޮޑުވަނިކޮށް، އަނެއްހެން ތޮއްޖެހޭ ކަމެއް ގަބޫލެއް ނުކުރަން،" އުސްމާން ވިދާޅުވި އެވެ.
ހުޅުމާލެ-މާލެ ދަތުރުތަކުގެ ފެރީތައް އިތުރުކުރަން ވިސްނަންތޯ ސުވާލުކުރުމުން އުސްމާން ވިދާޅުވީ "އެކަމާއި އެއްޗެއް ދައްނަވަން ނޭނގޭ،"ކަމަށެވެ.
އެމްޓީސީސީގެ ވިސްނުމާ ހުޅުމާލެ ތަރައްގީ ކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރަމުންދާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވިސްނުން ވެސް އެއްގޮތެއް ނޫނެވެ. އެމްޓީސީސީ އިން ބުނި ނަމަވެސް ފެރީތަކުގައި "މައްސަލަ ނޫޅޭ" ކަމަށް އެޗްޑީސީއަކަށް ގަބޫލެއް ނުކުރެވެ އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ޝަކުވާ ލިބޭ. އަޅުގަނޑުމެން މިދަނީ ޝަކުވާތައް އެމްޓީސީސީ އާ ހިއްސާ ކުރަމުން،" އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.
ފެރީގެ ހިދުމަތާމެދު ފެރީ ބޭނުން ކުރާ މީހުންގެ ޝަކުވާ ބޮޑު ނަމަވެސް އިތުރު ފަރާތަކަށް ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވެސް އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭ ތަރައްގީކުރުމުގެ މަސައްކަތް އޮކްޓޯބަރު 16، 1997 ގައި ފަށައިގެން އެތައް ޕްލޭންތަކަކާއި އެތައް ބިލިއަން ރުފިޔާއެއް ހަރަދުކޮށްފައި މި ވަނީ ހުޅުމާލޭގައި ދިރިއުޅެމުންދާ އަދި ކުރިއަށް އޮތް ތަނުގައި ދިރިއުޅޭނެ ރައްޔިތުންނަށްޓަކަ އެވެ. ހުޅުމާލެއަކީ މާލެއާ ދުރު ތަނެއް ނޫނެވެ. ބައެއް އެހެން ގައުމުތަކުގައި ފެރީގެ ނިޒާމު ހަރަދު ކުޑަކޮށް، މިއަށް ވުރެ ރަނގަޅަށް ހިންގާތަން ފެނެ އެވެ. ރާއްޖޭގައި ވެސް އެކަން އެގޮތަށް ނުކުރެވޭންވީ ސަބަބެއް ނެތެވެ. ހިދުމަތެއް ދެނީ ރައްޔިތުންނަށް ކަމަށްވާ އިރު އެ ހިދުމަތާ މެދު ރައްޔިތުން ހިތްހަމަޖެހެން ވެސް ޖެހެ އެވެ.