04 Mar 2014, 11:18
ރެއާލް މެޑްރިޑާ އެކު ސްޕެއިން ގޯލުކީޕަރު އިކާ ކަސިޔަސް ހަދާފައިވާ ކޮންޓްރެކްޓު ހަމަވަންދެން އެ ކުލަބުގައި ހުންނާނެ ކަމަށް އޭނާ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ލިބުނު އަނިޔާ އާއި ގުޅިގެން މެޑްރިޑަށް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ގެއްލިފައިވާ ކަސިޔަސް، މިސީޒަނުގައި ފެނިފައިވަނީ ހަމައެކަނި ކޮޕަ ޑެލް ރޭ އާއި ޗެމްޕިއަންސް ލީގު މެޗުތަކުގަ އެވެ. ސްޕެނިޝް ލަލީގާގެ މެޗުތަކުން މެޑްރިޑުގެ ގޯލުން ފެންނަނީ ޑިއެގޯ ލޯޕޭޒް އެވެ.
"އަހަރެންގެ އުމުރުން 40 އަހަރު ވަންދެން ކުޅެވިދާނެ." އުމުރުން 32 އަހަރުގެ ކަސިޔަސް ބުންޏެވެ. "ގޯލްކީޕަރެއް ސަމާލުކަމެއް ދީ، އެމީހެއްގެ ފިޓްނަސް އަށް ބަލައިނަމަ، ގިނަ ދުވަހު ކުޅެވޭނެ. އަހަރެންގެ އުމުރުން 40 އަހަރު ވަންދެން ކުޅެން ބޭނުންވިޔަސް، މެޑްރިޑްގެ ކޮންޓްރެކްޓު ހަމަވުމުން ދެން އެކަމާއި މެދު ސުވާލު އުފެދޭނެ. ރިޓަޔާ ކުރުމަށް ފަހު ވެސް އަހަރެން ފުޓުބޯޅަ އަށް ހިދުމަތް ކޮށްދޭން ބޭނުން."
މެޑްރިޑުގެ ގޯލުގައި ކަސިޔަސް ގިނަ ދުވަސްތަކެއް ހޭދަކޮށްފައި ވެއެވެ. ކަސިޔަސް ބުނީ، އޭނާ އަށް އެންމެ ކުރިން މެޑްރިޑުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުނީ ނަސީބުން ކަމަށެވެ.
"މެޑްރިޑުގެ ފުރަތަމަ އެގާރައިން އެންމެ ފުރަތަމަ ޖާގަ ލިބުނީ އަހަރެންގެ ނަސީބުން." ކަސިޔަސް ބުންޏެވެ. "އެންމެ ފުރަތަމަ އަހަރެން މެޑްރިޑު ޓީމަށް ކުޅުނު މެޗުން ރަނގަޅު ކުޅުމެއް ނުދެއްކުމުން އެނބުރި ބީ ޓީމަށް ދާން ޖެހުނު. އޭގެ ފަހުން ދެން ކީޕަރު ބޮޑޯ އިލްގުނާ އަށް އަނިޔާވީ. އަހަރެންނަށް ފުރުސަތު ލިބުނު ގޮތަކީީ އެއީ."