04 Mar 2014, 10:51
ރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވުމުގައި ބައިނަލް އަގުވާމީ ބައިވެރިވުން ބޭނުންވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ 25 ވަނަ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"... ޑިމޮކްރަސީއަކަށް ބަދަލުވުމުގައި ބިނާކުރަނިވި ގޮތަކަށް ރާއްޖެއާ ބައިވެރިވުމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ބައިނަލް އަގުވާމީ ބައިވެރިންނަށް ގޮވާލެއްވި އެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ އުސޫލުތައް ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އައުން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދުންޔާގެ ވާހަކަފުޅުގައި ދެއްވި ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ސިޔާސީ ހައްގުތައް ބޭނުންކުރުމުގެ މިނިވަން އިންސާފުވެރި މާހައުލެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތާއި ރާއްޖޭގެ ސިޔާސީ ހާލަތާ ބެހޭ މައުލޫމާތު މިނިސްޓަރު ވަނީ ކައުންސިލަށް ދެއްވާފަ އެވެ. އަދި ޓެރަރިޒަމާ ހަނގުރާމަ ކުރުމާ އެކު ، ސުލްހަވެރިކަމާއި އޯގާތެރިކަމުގެ ދީނެއްގެ ގޮތުގައި އިސްލާމްދީން ކުރިއަރުވަން ދިވެހި ސަރުކާރު ތައްޔާރަށް އޮތް ކަން އެކަމަނާ ވަނީ ފާހަގަކުރައްވާފަ އެވެ.
ފަލަސްތީނު މީހުން އެމީހުންގެ ހައްގުތައް ހޯދުމަށް ކުރާ މަސައްކަތުގައި އެމީހުންނާ އެކު ރާއްޖެ އޮތްކަން އެކަމަނާ ވަނީ އަލުން ތަކުރާރުކުރައްވާފަ އެވެ. އަދި ސޫރިޔާގެ ރައްޔިތުންގެ ހައްގުތަކާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ކަން ވެސް ފާހަގަކުރެއްވި އެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި ހިއުމަން ރައިޓްސް ކައުންސިލްގެ 25 ވަނަ ޖަލްސާ ފެށީ އިއްޔެ އެވެ. އެޖަލްސާގައި ބައިވެރިވަޑައިގެންނެވުމަށް ދުންޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫންއާއި ހައިކޮމިޝަނަރު ނަވި ޕިއްލޭއާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލް އިޔާދު އަމީން މަދަނީ އާ ބައްދަލުކުރައްވާނެ އެވެ.