އެކްރޫޑު ޕެންޝަން ހޯދުމަށް 9،000 އަށް ވުރެ ގިނަ އަދަދެއްގެ މީހުން ފޯމު ނަގާފައިވާ ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން (ޕީއޭއޭ) އިން ބުނެފި އެވެ.


ޕީއޭއޭގެ ޑިރެކްޓާ އިސްމާއިލް ސުޖާއު މިއަދު ވިދާޅުވީ މިހާތަނަށް 9146 ފޯމު ނަގާފައިވާ ކަމަށާއި އަދިވެސް ފޯމުދޫކުރަމުންދާ ކަމަށާއި ފޯމުތައް އަންނަ އަހަރުގެ ފެބުރުއަރީ މަހު 15 ވަނަ ދުވަހުގެ ކުރިން އަނބުރާ ހުށަހެޅުމަކީ އެޑްމިނިސްޓްރޭޝަންގެ އެދުމެއް ކަމަށެވެ.


"އަދިވެސް އަޅުގަނޑުމެން މިދަނީ ފޯމު ދޫކުރަމުން. އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުރިހާ ފޯމެއް[އަނބުރާ] ހުށަހަޅައިދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. އެހެން ނޫން ނަމަ އިދާރީ ގޮތުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ." ސުޖާއު ވިދާޅުވި އެވެ.


އެކްރޫޑު ޕެންޝަން ހައްގުވާ ފަރާތްތަކަށް ފޯމު ދޫކުރުމުގައި ލުޔެއް ހޯދައިދިނުމުގެ ގޮތުން ޕީއޭއޭ އިން ވަނީ މި މަހު އަށް ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ފޯމު ދޫކުރުމުގެ ޕްރޮގުރާމެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.


މިދިޔަ އަހަރު މެއި، 13ގައި ވަޒީފާގައި ތިބި އަދި އެ ތާރީޚަށް އުމުރުން 65 އަހަރު ފުރިފައިނުވާ ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް އެކްރޫޑު ޕެންޝަން ހައްގުވާނެ އެވެ.


ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނު ބުނާ ގޮތުން، ދައުލަތުގެ މުވައްޒަފުންގެ ތެރެއިން 20 އަހަރު ނުވަތަ 40 އަހަރު ހިދުމަތް ކޮށްފައިވުމުން ލިބޭ ޕެންޝަން، އުމުރުން 65 އަހަރު ވަންދެން ލިބެމުން ދިއުމަށް ނުވަތަ އެ ޕެންޝަން ދޫކޮށްލައި ހިދުމަތްކޮށްފައިވާ ޖުމްލަ މުއްދަތަށް އެކްރޫޑް ޕެންޝަން ނެގުމުގެ އިހްތިޔާރު ކޮންމެ މުވައްޒަފަކަށް ވެސް ލިގެންވެ އެވެ.


ޕީއޭއޭ އިން ބުނި ގޮތުގައި އެކްރޫޑް ޕެންޝަން ހައްގުވާ 34000 އަށް ވުރެ ގިނަ އަދަދެއްގެ މުވައްޒަފުން އެބަތިއްބެވެ.