04 Mar 2014, 10:43
އާންމު ރައްޔިތުންނަށް ރައްކާތެރި މާހައުލެއްގައި ސިއްހީ ފަރުވާ ދިނުމަށް ޓަކައި ސިއްހީ ފަރުވާދޭ ނިޒާމު ވަރުގަދަ ކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ގޮވާލައިފި އެވެ.
މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ލޭ އަޅާފައިވާކަމީ އެ އެސޯސިއޭޝަނުން ވަރަށް ހިތާމަކުރި ކަމެއް ކަމަށެވެ.
އޭގެ އިތުރުން ލޭ އެޅުނު ބަލި މީހާއަށާއި އޭނާގެ އާއިލާއަށް ލިބުނު ބޮޑު ހިތާމައާއި އަދި ބަލިމީހާއަށް ދިމާވާނެ އެހެން ސިއްހީ ގެއްލުންތަކަށް ހެޔޮ ބަދަލެއް ދިނުމަކީ އެ އެސޯސިއޭޝަނުން އެދޭ އެދުމެއްކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.
އެހެންކަމުން އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް މިހާރުން މިހާރަށް އެޅުމަށާއި ރައްކާތެރި މާހައުލެއްގައި ފަރުވާދިނުމަށް ސިއްހީ ފަރުވާދޭ ނިޒާމް އިތުރަށް ވަރުގަދަ ކޮށްދިނުމަށް ވެސް އެ އެސޯސިއޭޝަނުން ކަމާބެހޭ ފަރާތްތަކަށް ގޮވާލަ އެވެ.
އޭގެ އިތުރުން އެފަދަ ހިތާމަވެރި ހާދިސާތަކުގައި ސިޔާސީ ކުލަވަރު ޖައްސާ ސިޔާސީ ފަރާތްތަކުން ބޭނުންކޮށްގެން ސިއްހީ ދާއިރާގެ އިތުބާރު ގެއްލޭގޮތަށް މަސައްކަތް ނުކުރުމަށް ވެސް ހުރިހާ ފަރާތްތަކަށް އެ އެސޯސިއޭޝަނުން ގޮވާލަ އެވެ.