ވައިޓް ހައުސް (މާޗް 4) : އީރާން ނިއުކްލިޔާ ބާރަކަށްވުމުގެ ފުރްސަތު ނުދޭނެކަމުގެ ޖާމިނުވުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދެއްވައިފި ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ނަތަނިޔާހޫ ވިދާޅުވީ އީރާން ނިއުކްލިޔާ ބާރަކަށްވެއްޖެ ނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑަށް ފޯރާނީ އިސްރާއީލަށް ކަމާއި މިކަމުގައި އިސްރާއީލު ކަންބޮޑުވާމިންވަރު އޮބާމާއަށް ވިސްނިވަޑައިގަންނަވާތީ އީރާން ނިއުކްލިޔާ ބާރަކަށް ވުމުގެ ފުރްސަތު ނުދޭނެކަމުގެ ޖާމިނުވުން އޮބާމާ ދެއްވާފައިވާ ކަމުގަ އެވެ. ނަތަނިޔާހޫ އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޮބާމާއާއި އެމެރިކާގެ އެހެން އިސް މަސްއޫލުވެރިންނާ ކުރައްވާ މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދެއްވަނީ އީރާނުގެ ނިއުކްލިޔާ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލުކުރުމަށް ޓަކައި އެމެރިކާ އާއި ހުޅަނގުގެ އެހެން ބާރުތަކުން އީރާނާއެކު ކުރިޔަށްގެންދާ ވާހަކަތަކަކީ ބޭކާރު ވާހަކަތަކެއް ކަމަށް ދައްކައިގެން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ޙަމަލާދިނުމުގެ ހަރުކަށި އަމަލެއް ހިންގޭނެ ފުރްސަތު ހޯދުމުގެ މައްޗަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނަތަނިޔާހޫ ވަނީ ނިއުކްލިޔާ ވާހަކަތަކުގައި އެމެރިކާ އިން އީރާނަށް މާބޮޑު ދޫތަކެއް ދެމުންގެންދާކަމަށާ އެކަމާމެދު އިސްރާއީލު ކަންބޮޑުވާކަމަށް ވިދާޅުވެ އެމެރިކާއަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ވާހަކަ ދައްކަވާފަ އެވެ. އިސްރާއީލަކީ ނިއުކްލިޔާ ފެތުރުން މަނާކުރާ މުޢާހަދާގައި ސޮއިކުރުމަށް ދެކޮޅު ހަދާ ގައުމަކަށްވެފައި މެދުއިރުމަތީގައި ސިއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފައްދައި އެހަތިޔާރު ރައްކާކޮށްފައިވާ ހަމައެކަނި ގައުމަކީ އިސްރާއީލު ކަމަށް ވިޔަސް އިސްރާއީލުގެ ނިއުކްލިޔާ މައްސަލާގައި އެމެރިކާ ގެންގުޅެނީ އެކަމާ މެދު އަޅާނުލުމުގެ ސިޔާސަތެކެވެ. އަދި އިސްރާއީލުން ކުރިޔަށްގެންދާ އަރަބި އިސްލާމީ ގައުމުތަކުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިސްވެ ޙަމަލާދީ އެތަންތަން ހަލާކުކޮށްލުމުގެ ހަރުކަށި ސިޔާސަތު ތަކަށްވެސް އެމެރިކާ ގެންދަނީ ނުސީދާ ގޮތެއްގައި ތާއީދުކުރަމުންނެވެ. އިސްރާއީލުން ޢިރާގުގެ ނިއުކްލިޔާ މަރުކަޒަށާއި ސޫރިޔާގެ ނިއުކްލިޔާ މަރުކަޒަކަށް ޙަމަލާދީ އެތަންތަން ހަލާކުކޮށްލާފައިވާ އިރު އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އދ. ގެ ގަރާރުތަކަށް ފާޅުގައި ގޮންޖަހަމުންދާ ހަރުކަށި ގައުމެކެވެ.

އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭނެ ކަމުގެ އިންޒާރުތައް ވެސް އިސްރާއީލުން ތަކުރާރުކޮށް ދެމުން ގެންދެއެވެ. އިސްރާއީލުގެ އިތުރުން އެމެރިކާއަކީ ވެސް އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭނެ ކަމުގެ އިންޒާރުތައް ދީފައިވާ ހަރުކަށި ގައުމެކެވެ. އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެމެރިކާ އިން އީރާނާއެކު ވާހަކަ ދައްކަންފެށީ ބާރުގެ ބޭނުންކޮށްގެން އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށާ އީރާނާ އަސްކަރީ ގޮތުން ކުރިމަތިލާން ޖެހުމަކީ ފަސޭހަކަމަށް ނުވާތީ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. (ނޫސްއެޖެންސީތައް)