ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން އިޓަލީގެ އޭސީ މިލާން ޗެމްޕިއަންސް ލީގުން ކަޓުވައިލާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު އަދި މިލާންގެ ކުރީގެ ކޯޗު ކާލޯ އެންޗެލޮޓޯ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި އޭސީ މިލާނުގެ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މޮޅުވީ 1-0 ލަނޑުންނެވެ. އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގު މެޗުން ވެސް އެ ޓީމު މޮޅުވާނެ ކަމަށް އެންޗެލޮޓީ ގަބޫލުކުރެ އެވެ.

"އެތުލެޓިކޯ އާއި މިލާން ކުޅޭ މެޗުގެ ފޭވަރިޓަކީ އެތުލެޓިކޯ." އެންޗެލޮޓީ ބުންޏެވެ. "އެތުލެޓިކޯ އިން ފޭވަރިޓުންނަށް ވަނީ އެމީހުން ކުޅޭ ފުޓުބޯޅައިގެ ސަބަބުން. އެތުލެޓިކޯގެ ދަނޑަކީ ވަރުގަދަ މާހައުލެއް އޮންނަ ދަނޑެއް." އެންޗެލޮޓީ ބުންޏެވެ.

މިލާނާއި ދެކޮޅަށް އެތުލެޓިކޯ ކުޅުނު ފުރަތަމަ ލެގުން މޮޅުވީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ޑިއެގޯ ކޮސްޓާ ޖެހި ލަނޑާ އެކު އެވެ. ދެވަނަ ލެގު މެޗަށް މި ދެ ޓީމު ނުކުންނާނީ މިމަހު 12 ވަނަ ދުވަހު އެވެ.