04 Mar 2014, 09:41
އިންސާނާގެ ހަށިގަނޑަށް ހަކަތަ ހޯދުމަށް ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ. ނިދި ހަމަކުރުމަކީ މުހިންމު ކަމެކެވެ. އޮފީސްތަކުގައި ބުރަކޮށް މަސައްކަތް ކުރާ މީހުން ނިދުމަކީ މުހިންމު ކަމެކެވެ. ނިދުމަކީ ބޭކާރު ކަމެއް ކަމުގައި ބައެއް މީހުން ދެކުނު ނަމަވެސް، ނިދަން އެބަ ޖެހެ އެވެ. އެހެން ނޫން ނަމަ، ގިނަ މައްސަލަތަކަކާއި ކުރިމަތިލާން ޖެހެ އެވެ.
ނިދުމަކީ މުހިންމު ކަމަކަށް ވާއިރު، "ނިދަނީ ކީއް ކުރަން؟" މިއީ އުފެދިފައިވާ ސުވާލެކެވެ. މި ސުވާލާއި މެދު ސައިންސްވެރިންގެ މެދުގައި ދެބަސްވުންތަކެއް ހުރި އިރު، ގިނަ މީހުންނަށް ވަނީ އަސްލު މަގުސަދު އޮޅިފަ އެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި، ނިދުމަކީ ދުވަހުގެ ހަރަކާތްތައް ކުރުމަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އަށް ގަޑިއިރުގެ ނިންޖާ އެކު، އިންސާނާ އަށް ހަކަތައިގެ ގޮތުގައި ލިބެނީ 50 ކިލޯ ކެލަރީ އެވެ. ޓޯސްޓަކުން އަހަރެމެންނަށް ލިބޭ ހަކަތައިގަ ވެސް 50 ކިލޯ ކެލަރީ ހުރެ އެވެ.
އަހަރެމެން ނިދަން ޖެހެނީ އެކަމަކީ ދުވަހުގެ ތަފާތު ހުނަރުތަކަށް ބޭނުންވާ އެއްޗަކަށް ވާތީ އެވެ. އެކަމުން އަހަރެމެންގެ ވާހަކަ ދެއްކުންތެރިކަމާއި ވިސްނުމާއި އާ ކަންތައްތައް އީޖާދު ކުރުން ފަދަ ކަންތައްތައް އިތުރަށް ރަނގަޅުވެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ނިދުމަކީ ސިކުނޑީގެ ތަރައްގީ އަށް ބޭނުންވާ ވަރަށް މުހިންމު ބައެކެވެ.
ނިދުމުގެ މުހިންމު ކަން އެންމެ ރަނގަޅަށް އަންގުވައި ދެނީ ނުނިދައިފި ނަމަ، ހިނގާ ކަންތައްތަކުންނެވެ. ނިދި މަދުވެއްޖެ ނަމަ، އޭގެ އެންމެ ބޮޑު އަސަރެއް ކުރާނީ ސިކުނޑި މަސައްކަތް ކުރުމަށެވެ. ކޮންމެ ރެއަކު އާންމުކޮށް ނުނިދާ މީހަކާ ދިމާވެއްޖެ ނަމަ، ނިދުމުން ލިބޭ ފައިދާތައް ފާހަގަވާނެ އެވެ. އެގޮތުން އެމީހާގެ ރުޅިގަދަ ކަމާއި ވަރުބަލިކަން އަދި ހަނދާން ނެތުން ފަދަ ކަންތައްތައް ފާހަގަ ވާނެ އެވެ. ނިދި މަދުވުމުގެ ސަބަބުން ވިސްނުންތެރި ކަމާއެކު މަސައްކަތް ކުރަން ދަތިތަކެއް ކުރިމަތިވެ އެވެ. އަދި ކަމަކާ މެދު ސަމާލުކަން ދިނުމަކީ ވެސް ބައެއްފަހަރު ދަތި އުނދަގޫ ކަމަކަށްވެ އެވެ.
ނިދި މަދުވުން އާންމުވާ ނަމަ، ބޭނުންކުރާ އެކި ބަސްތައް ސިކުޑީގައި ހިފެހެއްޓުމަށާއި، ހަނދާންތައް ރައްކާ ނުކުރެވުމާއި ރޭވުންތެރިކަން ދަށްވުމުގެ އިތުރުން ސިކުނޑީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ބޭނުމެއް ނުކުރެވޭނެ އެވެ. ސަތާރަ ގަޑިއިރު ނުނިދައި ހުންނަ މީހެއްގެ ލޭގެ ލެވެލް 0.05 އިންސައްތަ އަށް ދަށްވެގެން ދެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ނިދި މަދުވާ މީހުންނަށް، އަވަހަށް ބަދަލުވާ ކަންތައްތަކާ މެދު ވިސްނުމާއި، ރަނގަޅު ނިންމުންތައް ނިންމަން ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ. ނުނިދައި ގިނަ ވަގުތުތަކެއް ހޭދަކުރާ ނަމަ، އަމިއްލަ ދިރިއުޅުމަށް ވެސް ގިނަ ބަދަލުތަކެއް އައިސް މައްސަލަތަކެއް ކުރިމަތިވެ އެވެ. އޭގެ އިތުރުން ނިދި މަދުވުމުގެ ސަބަބުން ސިއްހީގޮތުން ގިނަ މައްސަލަތަކަކާއި ކުރިމަތިލާން ޖެހެ އެވެ. އެގޮތުން އެންމެ އާންމު ގޮތެއްގައި ދިމާވާ މައްސަލަ އަކީ ފަލަވުމެވެ.
އެކި މީހުން ނިދުމުގައި ހޭދަކުރަން ޖެހެނީ ވަކި ވަރަކަށެވެ. ތަފާތު އުމުރުތަކަށް ނިދުމުގައި ހޭދަކުރަން ޖެހޭ ވަގުތު ތަފާތުވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގިނަ މީހުން ނިދަނީ ފަސް ގަޑިއިރާއި 11 ގަޑިއިރާއި ދެމެދު ވަގުތަކަށެވެ. އެވެރެޖް ގޮތެއްގައި އިންސާނާ އަށް ބޭނުންވަނީ 7.75 ގަޑި އިރުގެ ނިންޖެވެ.
މިހާތަނަށް އެންމެ ގިނަ ވަގުތު ނުނިދާ ހުރި މީހާގެ ރެކޯޑު ހަދާފައި ވަނީ އެމެރިކާގެ ރޭންޑީ ގާޑްނާ އެވެ. ނަވާރަ ސަތޭކެ ފަސްދޮޅަސް ފަސް ވަނަ އަހަރު ރޭންޑީ މި ރެކޯޑު ހެދުމުގައި 11 ދުވަހު ނުނިދާ ހުއްޓެވެ. ނަމަވެސް ނުނިދާ ހުންނަތާ ހަތަރު ދުވަސް ފަހުން ރޭންޑީގެ ހަށިގަނޑުން ވަރުބަލިކަން ފާހަގަވަމުން ދިޔަ އެވެ. އެހެންކަމުން ނުނިދާ ހުރުމަކީ ހަށިގަނޑަށް ބޮޑު ގެއްލުމަކަށް ވާއިރު، ދިރިއުޅުމަށްޓަކައި ބޭނުންވާ ހަކަތައަށްޓަކައި ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ.