04 Mar 2014, 09:18
އދ. މަޖިލިސް (މާޗް 4) : ޔުކްރޭނުގެ އާންމުން ހިމާޔަތް ކުރުމަށްޓަކައި އެގައުމަށް ރަޝިޔާ ސިފައިން ފޮނުވައިދިނުމަށް މަގާމުން ދުރުކޮށްފައިވާ އެގައުމުގެ ރައީސް ވިކްޓާ ޔަނަކޮވިޗް ރަސްމީ ސިފައެއްގައި ލިޔުމަކުން އެދިފައިވާ ކަމަށް ރަޝިޔާ ސަރުކާރުން ބުނެފި އެވެ.
ރަޝިޔާ ސިފައިން ޔުކްރޭނުގެ ކްރައިމިޔާ ސަރަހައްދަށް އަރައިގެންފައިވާ މައްސަލައިގައި ރަޝިޔާ ކުށްވެރިކޮށް ހުޅަނގުގެ ބާރުތަކުން ވާހަކަދައްކަމުން ގެންދާތީ އެކަމަށް ރައްދު ދެއްވައި އދ. ގައި ހުންނަވާ ރަޝިޔާގެ ދާއިމީ މަންދޫބު ވިޓާލީ ޗޯރުކިން ވިދާޅުވީ ޔަނަކޮވިޗްއަކީ ޔުކްރޭންގެ ޝަރުއީ ރައިސް ކަމަށާ އޭނާގެ ވެރިކަން ވައްޓާލާފައި ވަނީ އޭނާގެ ސިޔާސީ ވާދަވެރިން ހުޅަނގުގެ ތާއީދާއެކު ގެނައި ބަގާވާތަކުން ކަމުގައެވެ.
ޔުކްރޭނަށް ރަޝިޔާ ސިފައިން ފޮނުވުމަށް ޔަނަކޮވިޗް އެދިފައިވަނީ ލިޔުމަކުން ކަމަށްވެސް ރަޝިޔާގެ މަންދޫބު ވިދާޅުވި އެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން އެހެން ގައުމުތަކަށް އަރައިގަތުމަށް ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ދޮގުހެދުމާއި ބަގާވާތަކުން ދުރުކޮށްފައިވާ ރައީސަކު އަލުން މަގާމަށް ގެނެސްދިނުމަށް އެ ރައީސަކު އެދިފައިވާ ކަމަށް ބުނުންފަދަ ބަހަނާތައް ދައްކަމުން ގެންދެ އެވެ.
ޔުކްރޭނަށް ރަޝިޔާ ސިފައިން އަރައިގަތުމާ ދެކޮޅަށް މިހާރު ވާހަކަ ދައްކަމުން ގެންދާ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކަކީ މިފަދަ ބަހަނާތައް ދައްކައިގެން އެހެން ގައުމުތަކަށް އެންމެ ގިނައިން އަރައިގަންނަމުން ގެންދާ ގައުމުތަކެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުންވަނީ ރަޝިޔާގެ މިހުއްޖަތް ގަބޫލުނުކޮށް ރަޝިޔާއާ ދެކޮޅަށް އެގައުމުތައް އަމިއްލަގޮތުން ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އަނެއްކޮޅުން ޔުކްރޭނުގެ ކްރައިމިޔާ ސަރަހައްދުގައި ހަރަކާތްތެރިވާ ޔުކްރޭންގެ ބާރުތައް އަމާން ދިނުމަށް ރަޝިޔާ ސިފައިން މުހުލަތެއްދިން ކަމަށް ބުނާ ހަބަރުތައް ރަޝިޔާ ސިފައިން ވަނީ ދޮގުކޮށްފަ އެވެ. ކަޅުކަނޑުގައިވާ ރަޝިޔާގެ ކަނޑުގެ ފްލީޓްގެ ތަރުޖަމާނަކު ވިދާޅުވީ މިއީ ތެދުހަބަރެއް ނޫންކަމަށާއި ރަޝިޔާ ސިފައިން ޔުކްރޭންގެ ބާރުތަކަށް އިސްވެ ހަމަލާދޭނެކަމުގެ އިންޒާރެއް ދީފައިނުވާނެ ކަމުގަ އެވެ.
ޔުކްރޭންގެ ކްރައިމިޔާ ޕެނިންސިއުލާގައި މަރުކަޒުކޮށްފައިވާ ރަޝިޔާގެ ކަޅުކަނޑުގެ ފްލީޓްގެ ކޮމާންޑަރު، އެޑްމިރަލް އެލެގްޒެންޑާ ވިތުކޯ އާ ހަވާލާދީ މީޑީޔާ ރިޕޯޓްތައް ކުރިން ބުނެފައިވަނީ ޔުކްރޭންގެ ބާރުތަކުން ޖީއެމްޓީ ން އިއްޔެ ހަވީރު ތިންޖެހުމާ ހަމައަށް އަމާން ނުދީފިނަމަ ރަޝިޔާ ސިފައިން ކްރައިމިޔާ ސަރަހައްދު ހުރަސްކޮށް ޔުކްރޭނުގެ ބާރުތަކަށް އިސްވެ ހަމަލާދޭން ފަށާނެ ކަމުގަ އެވެ. މިމުހުލަތު ރޭގައި ހަމަވެފައިވާއިރު ރަޝިޔާ ސިފައިން ޔުކްރޭންގެ ބާރުތަކަށް ހަމަލާދީފައިނުވާނެ ކަމަށް ހަބަރުތައް ބުނެއެވެ.
ހުޅަނގަށް ތާއީދުކުރާ ޔުކްރޭނުގެ އިދިކޮޅު ފަރާތްތަކުން އެގައުމުގެ ވެރިކަން ވައްޓާލުމާ ގުޅިގެން އުފެދިފައިވާ މައްސަލައާ ގުޅިގެން ރަޝިޔާ ސިފައިންގެ އެތަށް ހާސް ބަޔަކު ވަނީ ޔުކްރޭނުގެ ކްރައިމިޔާ ސަރަހައްދަށް އަރާފަ އެވެ. އަދި ރަޝިޔާއިން ވަނީ ކްރައިމިޔާ ސަރަހައްދުން ފޭބުމަށް ގޮވާލައި އެމެރިކާއާއި ޔުރަޕުން ދީފައިވާ އިންޒާރުތަކަށް ގޮންޖެހުމަށްފަހު އެސަރަހައްދުން ނުފައިބާނެ ކަމަށް ބުނެފަ އެވެ. (ނޫސްއެޖެންސީތައް)