ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ސިސްޓަމެއް ކަމުގައިވާ ސައުތު އީސްޓް އޭޝިއާ މިޑްލް އީސްޓް ވެސްޓާން ޔޫރަޕް 4 (ސީ.މީ.ވީ 4) އަށް އަނެއްކާ ވެސް ކުއްލި މައްސަލައެއް ދިމާވެއްޖެ އެވެ.

މިދިޔަ އަހަރު ވެސް މައްސަލައެއް ދިމާވި ސީ.މީ.ވީ 4 އަށް މިފަހަރު ދިމާވި ކުއްލި މައްސަލަ އާ ގުޅިގެން ރާއްޖެ އިން ބޭރުގައި ހޮސްޓް ކުރެވިފައިވާ ބައެއް ވެބްސައިޓްތަކަށް ވަނުމުގައި އަދި ބްރައުޒް ކުރުމުގައި ލަސްވުން ފަދަ ކަންތައް މެދުވެރިވުމަކީ އެކަށީގެންވާ ކަމުގައި ދިރާގުން މިރޭ އާންމު ކުރި ބަޔާނެއްގައި ބުންޏެވެ.

އެ މައްސަލަ އާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމުގެ ގޮތުން އެހެނިހެން ގޮތްތައް، (ޑައިވާސިޓީ ރޫޓް)ތައް ހޯދަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ދިރާގުން ހާމަކޮށްފައިވެ އެވެ. ސަން އާ ވާހަކަ ދައްކަމުން ދިރާގުގެ ސީނިއާ މާކެޓިންގް ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް އެގެޒެކެޓިވް އިމްޖާދު ޖަލީލް ވިދާޅުވީ، ޑައިވާސިޓީ ރޫޓްތަކުން ހިދުމަތްދެމުން ދާތީ އެފަދަ އެއްވެސް މައްސަލައެއް ފާހަގަ ނުވާނެ ކަމަށެވެ.

"މިއީ ހަމައެކަނި ސީ.މީ.ވީ 4 ކޭބަލް އަށް އެކަނި ދިމާވި މައްސަލައެއް. އެހެންކަމުން މި މައްސަލަ ދިމާވާނީ އެ ކޭބަލް އިން ހޮސްޓް ކުރެވިފައިވާ ވެބްސައިޓްކަށް އެކަނި. ނަމަވެސް ޑައިވާސިޓީ ރޫޓްތަކުން އަޅުގަނޑުމެން މިހާރު ހިދުމަތް ދެމުންދާތީ އެކަހަލަ އެއްވެސް މައްސަލައެއް ފާހަގައެއް ނުވާނެ. ސީ.މީ.ވީ އަކީ ސައުތު އީސްޓް އޭޝިއާ އާއި، މިޑްލް އީސްޓް އަދި ޔޫރަޕާއި ދެމެދު އަޅާފައިވާ ކޭބަލް އެއް." އިމްޖާދު ވިދާޅުވި އެވެ.

އިންޓަނެޓްގެ މައިބަދައެއް ކަމުގައިވާ 18,800 ކިލޯ މީޓަރު ދިގު ކޭބަލް އަށް ދިމާވި މި މައްސަލަ މިހާރު ހައްލުކުރަމުންދާ ކަމަށާއި މާދަމާ ހައްލުކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އިމްޖާދު ވިދާޅުވި އެވެ.

"ސީ.މީ.ވީ 4 ކޭބަލްގެ މައްސަލަ ދިމާވީ އިޖިޕްޓް ކައިރިން. މިހާރު އެ މައްސަލަ ބަލައި، އެކަން ހައްލުކުރުމުގެ މަސައްކަތް ވަނީ ފަށާފައި،" އިމްޖާދު ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު ވާއިރަށް މި މައްސަލަ ހައްލުކުރެވޭނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން."

ދިރާގުން ސަބްމެރިން ކޭބަލް މެދުވެރިކޮށް ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭން ފެށީ 2006 ވަނަ އަހަރު އެވެ.