20 Dec 2010, 09:46
ސިފައިންގެ ވަޒީފާއިން ވަކިކުރި ކާނަލް މުހައްމަދު ނާޒިމްގެ މައްސަލަ ކޯޓުން ބޭރުގައި ނިންމާނެ ގޮތަކާމެދު ދެ ފަރާތް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ނާޒިމްގެ ފަރާތުން ޝަރީއަތުގައި ބުނެފި އެވެ.
ކޯޓުން ބޭރުގައި ވާހަކަ ދައްކައިގެން މައްސަލައަށް ގޮތެއް ނިންމުމުގެ ފުރުސަތަށް ދައުލަތުން ކުރިން އެދުމުން ދިން ފުރުސަތަށް ފަހު މިއަދު މައްސަލަ ބޭއްވުމުން ނާޒިމްގެ ގާނޫނީ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ކޯޓުގައި ވިދާޅުވީ ނާޒިމާއި ޑިފެންސް މިނިސްޓްރީއާ ދެމެދު ވާހަކަތައް ދެކެވި މައްސަލަ ނިންމާނެ ގޮތަކާމެދު އެއްބަސްވުމަކަށް އާދެވެފައިވާ ކަމަށާއި ކޯޓުން ބޭރުގައި މައްސަލަ ނިންމިދާނެ ކަމަށް ދެކެވަޑައި ގަންނަވާ ކަމަށެވެ.
އަދި ވިދާޅުވީ އެކަން ނިންމާ ނުލެވި އޮތީ ޑިފެންސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު ރާއްޖޭގައި ވަޑައިގެން ނޫޅުއްވާތީ ކަމަށާއި މި ކަމުގައި ގާނޫނީ އަދި އިދާރީ ދަތިތަކެއް އެބަހުރި ކަމަށެވެ.
ނާޒިމްގެ ފަރާތުން އެ ގޮތަށް ހުށަހެޅުމާއެޅު އަންނަ ޖެނުއަރީ ފަސް ވަނަ ދުވަހާ ހަމައަށް ފުރުސަތު ދެއްވުމަށް ވެސް އެދިވަޑައިގަތެވެ. ސިވިލް ކޯޓުން ވަނީ މިއަދު އެ ފުރުސަތު ދީފަ އެވެ.
ކާނަލް ނާޒިމް ވަޒީފާއިން ވަކި ކުރީ 2009 ގައެވެ. އޭނާ ޝަރީއަތުގައި އެދިފައި ވަނީ ވަޒީފާ އަނބުރާ ރުޖޫއަ ކުރުމަށާއި ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތަށް ދޭންޖެހޭ މުސާރައާ އިނާޔަތަށް ޝަރީއަތުން ނަގައި ދިނުމަށެވެ.