ކުރީގެ ދިވެހި ރާއްްޖޭގެ އަޑުގެ ކުރިމަތީގައި އޮންނަ އަޑި ޕާކް ސަރަހައްދުގައި މިރޭ ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމުވެއްޖެ އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 10 ޖަހާ އެހާކަންހާ އިރު އަޑި ޕާކް ސަރަހައްދުގައި މާރާމާރީއެއް ހިނގައި އެކަކު ޒަހަމުވެފައިވާ ކަަމަށެވެ. އަދި އޭނާ އަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"މިރޭ 10:05 އެހާކަންހާއިރު އަޑި ޕާކް ސަރަހައްދުގައި ހިނގި މާރާމާރީއެއްގައި ފިރިހެނަކު ވަނީ ޒަހަމުވެފައި. އަދި އޭނާ އަށް މިހާރު އައިޖީއެމްއެޗު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ ސަރައްދުގައި އެ ވަގުތު ހުރި ސަންގެ ޖާނިލިސްޓަކު ބުނީ އެ ސަރަހައްދުގައި ހިނގި މާރާމާރީގައި މީހަކު ޒަހަމްވީ ވަޅިއަކުން ހަމަލާދީގެން ކަަމަށް މަންޒަރު ދުށް މީހުން ބުނެފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން ދެ މީހަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަޑި ޕާކް ސަރަހައްދުގައި ހިނގި މާރާމާރީގައި ޒަހަމްވެފައި ވަނީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި ނެނގޭ ކަަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން އެ މާރާމާރީއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކޮން އުމުރެއްގެ ކޮން ބައެއް ކަމެއް ވެސް ސާފެއް ނުކުރެވުނެވެ.