މި ސަރުކާރުން ފްލެޓް ދޫކުރާނީ ހަމަ އެކަނި ފްލެޓަށް އެދި ހުށަހަޅާ ފޯމްގެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށްފައިނޫން ކަމަށާއި ފްލެޓް ދޫކުރުމުގެ ކުރިން އެމީހަކު ދިރިއުޅެމުންދާ ހާލަތު "ހަމަ ލޮލުން" ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި އެވެ.

ހެންވޭރު ދެކުނު ދާއިރާ އަށް ޕީޕީއެމް ކޯލިޝަނުން ކުރިމަތިލައްވާފައިވާ މުހައްމަދު ރިޔާޒްގެ ކެމްޕެއިން އިފްތިތާހް ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްވަމުން ރައީސް ޔާމިން މިރޭ ވިދާޅުވީ ފްލެޓް ދޫކުރަނީ އޭގެ އެންމެ ހައްގުވެރި ފަރާތަށްތޯ ކަށަވަރު ކުރުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށާއި ހަމައެކަނި ފޯމްތަކުގެ މައުލޫމާތުތަކަށް ބިނާކޮށް ފްލެޓް ދޫނުކުރަން ހައުސިން މިނިސްޓްރީ އަށް ރައީސް އޮފީހުން އަންގާފައިވާނެ ކަމަށެވެ.

"މި ފަހަރަކު ކުރިންދޭ އުސޫލުން ހަމަ އެކަނި ފޯމް ފުރާފައި ފޯމްގައި ހުންނަ މައުލޫމާތަށް ބަލާފައި [ގޯތި]ދޫކުރާ ދޫކުރުމެއް ނޯންނާނެ. އަޅުގަނޑުމެން މިފަހަރު ކަށަވަރުކުރަން ބެނުންވޭ، އަޅުގަނޑުމެން ކަށަވަރުކުރަން އަންގައިފިން މިފަދައިން ބަލާނެ އުސޫލެއް. އޭގެ މާނައަކީ ގެދޮރު، ފްލެޓް ދޫކުރާނެ ފަރާތެއް ނިންމުނު ނަމަވެސް ފްލެޓް ހަވާލެއް ނުކުރާނަން އެއީ ހަގީގަތުގައި ވެސް އެއީ އެފަދަ ނިކަމަތި ހާލެއްގައި އުޅޭ ބައެއްކަން ހަމަ ލޮލުން ބަލާފައި ކަށަވަރުކޮށްފަ މެނުވީ،" ރައީސް ވިދާޅުވި އެވެ.

އެ ރަސްމިޔާތުގައި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ކުދި ތަންތަންކޮޅުގައި ދިރިއުޅެމުންދާ ރައްޔިތުނަށް ހާއްސަކޮށްގެން ގޯތި ލިބޭނެ ސުކީމެއް ވަރަށް އަވަހަށް ރައީސް އިއުލާން ކުރައްވާނެ ކަމަށެވެ.

މާލޭގެ ރަށްވެހިންގެ ތެރެއިން، ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންނަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ފަށާފައިވާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ ފްލެޓްތަކަށް އެދުމަށް ފޯމް ދޫކުރަން އިއްުޔެ ވަނީ ފަށައިފަ އެވެ.