03 Mar 2014, 22:47
ޔޫކްރޭނުގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން މި ދުވަސްކޮޅު ދިވެހިން އެ ގައުމަށް ދަތުރު ނުކުރުމަށާއި އެ ގައުމުގައި މިހާރު އުޅެމުންދާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ޔޫކްރޭނުގައި މިހާރު ދިރުއުޅެމުންދާ ދިވެހިން އެ ގައުމުގައި މިހާރު ހިނގަމުންދާ ދާހިލީ ހަނގުރާމަ އަށް ސަމާލުވުމަށާއި މީހުން އެއްވާ ތަންތަނަށް ނުދިއުމަށާއި މުޒާހަރާތައް ހިނގަމުންގެންދާ ސަރަހައްދުތަކަށް ނުދިއުމަށް ވެސް އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި އިލްތިމާސްކޮށްފައިވެ އެވެ. ހާއްސަކޮށް ޔޫކްރޭނުގެ ކްރިމިއާ، ހަރްހިވް، ލުގާންސްކް އަދި ޑޮނެސްކްގައި ދިރިއުޅޭ ދިވެހިން ސަމާލު ކަންމަތީ ތިބުމަށް ވެސް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.
އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ގުޅައި އެ މީހުންގެ ހާލު ބެލުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ބަލަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެ ހާމަކުރެ އެވެ. އެގޮތުން ޔޫކްރޭނުގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ވަރަށް ގިނަ ދިވެހި ކިޔަވާ ކުދިންނަށް ގުޅައި އެ ކުދިންގެ ހާލު މިނިސްޓްރީން ބަލަމުންދާ ކަމަށް ވެސް އެ މިނިސްޓްރީ ހާމަކުރި އެވެ.
ޔޫކްރޭނުގައި ދިރުއުޅޭ ދިވެހިންގެ ހާލު ބެލުމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށާއި ދިމާވެދާނެ ހާދިސާއަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށް ދިނުމަށް ޓަކައި ފޮރިން މިނިސްޓްރީގައި ވީހާ ވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް އެ މިނިސްޓްރީން އެދިފައިވެ އެވެ. އެކަމާ ގުޅޭ ގޮތުން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 7983400 (960+) އަދި އޮފީސް ލައިން ނަންބަރު 3304123 (960+) އަށް ގުޅޭނެ ކަމަށާއި އެ މިނިސްޓްރީގެ އީމެއިލް[email protected]އިން ވެސް މުއާމަލާތު ކުރެވޭނެ ކަމަށް އަންގައިފައިވެ އެވެ.
ޔޫކްރޭނުގައި މިހާރު ހިނގަމުންދާ ދާހިލީ ހަނގުރާމައަކީ އެ ގައުމުގެ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބަޔަކު ހުޅަނގާ ގުޅިގެން އިންގިލާބަކުން ގައުމުގެ ޝަރުއީ ވެރިކަން ބަދަލުކުރުމުން ހިނގަމުންދާ ހަމަނުޖެހުކެވެ.