03 Mar 2014, 18:07
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދެއްވި ފުރަތަމަ ރިޔާސީ ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެމްޑީޕީން ޖަވާބުދާރީވެ ވަޑައިގެންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ވެސް ލީޑަރު އިބޫ މިއަދު "ސަން" އަށް މިއަދު ދެއްވި އިންޓަވިއެއްގައި ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ދެ ހަފްތާގެ މުއްދަތުގެ ތެރޭގައި އެމްޑީޕީން ރިޔާސީ ބަޔާނަށް ވަރަށް ފުރިހަމަ ބަޔާނެއް ތައްޔާރު ކުރައްވާނެ ކަމަށެވެ.
ރައީސް ޔާމީންގެ ބަޔާނަކީ ވަރަށް ފުރިހަމަ ބަޔާނަކަށް ވެގެންދާނެ ކަމަށް އެމްޑީޕީން އުއްމީދު ކުރި ނަމަވެސް އެ ބަޔާންވެގެން ގޮސްފައި ވަނީ ވަރަށް ބޮަޑަށް ހައިރާންކުރަނިވި، މުސްތަގުބަލަށް ރޭވިފައި ހުރި އެއްވެސް ޕްރޮގްރާމެއްގެ ތަފްސީލު ނެތް ބަޔާނެއް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ހުންނެވީ އިގުތިސާދީ އެޖެންޑާއަކާ އެކުގައި ކަމަށްވާ އިރު އިގުތިސާދު މިހާރު އޮތް ހާލަތުން އަރައިގަތުމަށް ކުރައްވާނެ ކަންކަމުގެ އެއްވެސް ތަފްސީލެއް އެބަޔާނުގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އެ ހުންނެވީ އިގުތިސާދީ އެޖެންޑާ އަކާ އެކު، ވިދާޅުވި އިގުތިސާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް، ނަމަވެސް އެކަން އިސްލާހު ކުރައްވާނެ ގޮތުގެ އެއްވެސް ތަފްސީލެއް ނުދެއްވާ، އަޅުގަނޑުމެން އުއްމީދު ކުރިން ފުރަތަމަ ބަޔާނުގައި އެކަންތައް ހިމަނާފައިވާނެ ކަމަށް، ނަމަވެސް އެބައި ނެތުމަކީ ވަރަށް ހައިރާން ކުރުވި ކަމެއް،" އިބޫ ވިދާޅުވި އެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މުޖުތަމައުގައި އޮތް މައްސަލަތައް ކަމުގައިވާ މާރާމާރީ އާއި ކުށް ގިނަވުމާއި ޒުވާނުންގެ މެދުގައިވާ މަސްތުވާތަކެތީގެ މައްސަލަތަކުގެ ވާހަކަތައް ދެއްކެވި އެވެ. ނަމަވެސް އެކަންކަން ހައްލު ކުރެއްވުމަށް ކުރައްވާނެ ކަންތައްތަކުގެ ތަފްސީލް ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް އެއްބާރުުލުން ބޭނުންވާ ވާހަކަ ވިދާޅުވެފައި ވާތީ އެމްޑީޕީން އެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންތައްތައް ކުރުމަށް މަޖިލީސް ތެރެއިން ދޭންޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. ނަމަވެސް އޭގައި ހުރި ކަންކަން ކުރައްވާ އިރު ހަމަހަމަ އުސޫލުތަކެއް ގެންގުޅުއްވާތޯ މަޖިލީހުގެ ތެރެއިން އެމްޑީޕީން ބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަރުއީ ނިޒާމު ހަރުދަނާ ކުރުމުގެ މުހިންމު ކަމުގެ ވާހަކަ އެމްޑީޕީން އަބަދު ވެސް ބުނަމުންދާއިރު އެ ދާއިރާ ހަރުދަނާ ކުރަންޖެހިފައިވާކަން ޕީޕީއެމުން ވެސް ކެމްޕެއިންގެ ތެރޭގައި ދެއްކެވި ނަމަވެސް އެކަމުގެ ވާހަކަ ރިޔާސީ ބަޔާނުގައި ނެތް ކަމާއި އިގުސާދީ އެޖެންޑާއެއްގެ އުޅުއްވާ އިރު ހުޅުލެއާއި މާލެ އާއި ދޭތެރޭގައި އަޅާ ބްރިޖްގެ ވާހަކަ ރިޔާސީ ބަޔާނުގައި ނެތް ކަމާއި ކެމްޕެއިން ތެރޭގައި ދެއްކެވި ތެލުގެ ވާހަކަ ދެއްކެވި އިރު ތެލުގެ ވާހަކަ އާއި ރާއްޖޭގެ އުތުރާ ދެކުނުގައި ހަދާ ޓްރާންސްޝިޕްމަންޓް ބަނދަރުގެ ވާހަކަ ރިޔާސީ ބަޔާނުގައި ދައްކާފައި ނެތުމަކީ ކަންބޮޑުވާ ވަރުގެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.