03 Mar 2014, 17:49
މި މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިން ވޯޓުލުމަށް ކުއަލަލަމްޕޫރުގައި ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހަމަޖައްސައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ކުއަލަ ލަމްޕޫރުގައި އެއް ފޮށި ބަހައްޓަން ހަމަޖެއްސީ، އަންދާޒާ ކުރި އަދަދަށް ވުރެ މަދުން، ކުއަލަ ލަމްޕޫރުގައި ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުން މަދުވުމުން ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ، މެލޭޝިޔާގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުން ވޯޓުލުމަށް ބަހައްޓާ، “W02.1.1” ނަންބަރު ވޯޓުފޮށި ބަހައްޓާނީ، ކުއަލަ ލަމްޕޫރުގެ ޖަލަން ތުން ރަޒާކުގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަން ހުންނަ އިމާރާތް ކަމަށްވާ މިނާރާ ސީ ހޮއި ޗަންގައި ކަމަށެވެ.
މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 302 ކެންޑިޑޭޓުން ވާދަކުރާ އިރު 62،712މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި މިފަހަރު ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 240،000 އަށް ވުރެ ގިނަ އެވެ.