ރާއްޖޭގެ ރަށްރަށުގެ ނަރުދަމާ އަޅައިދޭން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ތ. މަޑިފުއްޓާއި ތ. ބުރުނީގެ ނަރުދަމާގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން އާ ހަވާލުކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ރަށުގެ ނަރުދަމާގެ މަސައްކަތް ފެނަކައާ ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނިމާލް އެވެ. އަދި އެނާޖީ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ މިއީ ފެނަކައަށް ނަރުދަމާގެ މަސައްކަތެއް ހަވާލުކުރި ފުރަތަމަ ފަހަރު ކަމަށާއި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ 14 މަސް ދުވަސް ތެރޭގައި އެ މަސައްކަތް ނިންމަވާނޭ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވިލުފުށީ ދާއިރާގެ މަޖިލިސް މެންބަރު ރިޔާޒް ރަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ރިޔާޒް ވިދާޅުވީ ސުނާމީ ކާރިސާއަށް ފަހު އެ ދެރަށަށް ވަރަށް ބޮޑަތި ގެއްލުންތައް ވެފައިވާ ކަމަށާއި ނަރުދަމާގެ ހިދުމަތަކީ އެ ދެރަށަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ހިދުމަތެއް ކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން އެ ދެރަށަށް އެކި ގޮތްގޮތުން ލިބިފައިވާ ދަތިތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

އޭގެ އިތުރުން 57 ރަށެއްގެ ނަރުދަމާގެ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެން ދާނޭ ކަމަށް ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވި އެވެ.