ރާއްޖޭގައި ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކުޅިވަރެއް ކަމަށްވާ "ހޭންޑްބޯލް"ގެ ގައުމީ ސްކޮޑެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ބުނެފި އެވެ.

ގައުމީ ހޭންޑްބޯލް އަންހެ އަދި ފިރިހެން ޓީމު އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާއިރު، ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުޖްތަބާ (މުޖޭ) "ސަން'އަށް މިއަދު ވިދާޅުވީ، ގައުމީ ސްކޮޑްގައި ބައިވެރި ވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ނަން ނޯޓްކުރުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

"ގައުމީ ސްކޮޑްގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިން މިމަހުގެ 10ވަނަ ދުވަހުގެ ކުރިން އަޅުގަނޑުމެންނަށް ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް އެކަން އަންގަވައި ދެއްވަންވީ. އީމެއިލްއަކީ:[email protected]އަދި އިތުރު މައުލޫމާތު ބޭނުންފުޅުވާ ނަމަ، 7802508، 7777466 މި ދެ ނަންބަރަށް ގުޅުއްވުމުން މައުލޫމާތު ލިބޭނެ،" ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.

ހޭންޑްބޯލް އަންހެން އަދި ފިރިހެން ގައުމީ ސްކޮޑްގައި ކޮންމެ ޖިންސަކުން ވެސް 30 ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރެއިން ކޮންމެ ޓީމެއްގެ ވެސް ފައިނަލް ސްކޮޑަށް ނަގާނީ 14 ކުޅުންތެރިންނެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވީ، ހޭންޑްބޯލް ގައުމީ ސްކޮޑެއް އެކުލަވާލުމުގެ މަސައްކަތް ފެށީ، އެ ކުޅިވަރަކީ ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެއަށް ފުރުސަތުތައް ބޮޑު ކުޅިވަރެއް ކަމަށްވާތީ ކަމަށެވެ.

"އޭޝިއަން ގޭމްސްގައި ހޭންޑްބޯލް އަންހެން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު މިހާރުވެސް އަޅުގަނޑުމެންނަށް ލިބިފައި ވަނީ. އަދި ކައިރި މުސްތަގުބަލެއްގައި އޭޝިއާގެ ގައުމުތައް ބައިވެރިވެގެން ބާއްވާ ބީޗްގޭމްސްގައި ހޭންޑްބޯލް އަންހެން އަދި ފިރިހެން ޓީމު ބައިވެރިކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވަނީ،" މުޖުތަބާ ވިދާޅުވި އެވެ.

ރާއްޖޭގައި ހޭންޑްބޯލް ދިރުވައި އާލާކުރުމުގެ ގޮތުން ހޭންޑްބޯލް މޯލްޑިވްސްއާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އަދި އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑަރޭޝަން ގުޅިގެން އޮލިމްޕިކް ސޮލިޑަރިޓީ ކޯޗިން ކޯހެއް މިދިޔަ މަހުގައި ވަނީ ބާއްވާފަ އެވެ. އެ ކޯހުގައި 24 ބައިވެރިއަކު ވަނީ، ހޭންބޯލް ކޯޗިން ސެޓްފިކެޓް ލެވެލް 1 ހާސިލް ކޮށްފައިވެ އެވެ.

ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ، އެ ކުޅިވަރު ކުރިއެރުވުމަށްޓަކައި މިއަހަރުތެރޭގައި ގިނަ ޕްރޮގްރާމް ތަކެއް ރޭވިފައި ވާކަމަށެވެ. އެގޮތުން ވައިޑިޕީ ޕްރޮގަރާމް ފެށުމާއި އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތެއް ބޭއްވުމަށް ތާވަލު ކުރެވިފައިވާ ކަމަށެވެ.