ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ އަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ބާތިލްކުރުމަށް ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ހުށަހެޅުއްވި މައްސަލައަކީ ޝަރީއަތުން ބެލޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން އެދިއްޖެ އެވެ.

ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ބާތިލްކުރަން އަލްހާން ހުށަހެޅި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެމްޑީޕީގެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ޝަރީއަތަށް އަލްހާން މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ، ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަ ނުކޮށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ޝާއިރުގެ ވާހަތަކަށް ރައްދުދެއްވަމުން އަލްހާން ވިދާޅުވީ އެމްޑީޕީން އުޅޭނީ ޝަރީއަތުގެ ވަގުތު ބޭކާރުކޮށްލުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމެޓީން ނިންމާ ނިންމުން އިސްތިއުނާފު ކޮމެޓީއަށް ހުށަހެޅިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވާ ކަމަށާއި "ހުށަހެޅިދާނެ ކަމަށް" ބުނެފައި ވުމަކީ އިޚްތިޔާރީ ކަމެއް ކަމަށެވެ. އެހެން ކަމުން އެއީ ކޮންމެހެން ކުރުން ލާޒިމް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ މިރޭ 8:00 ގައި އެ އެމްޑީޕީން ނެގި އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމަވާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހު އެވެ.