20 Dec 2010, 09:39
ގައުމީ ޕާޓީގެ ރަޖިސްޓްރީގައި ތިބި 32 މެމްބަރަކު އެއްފަހަރާ މަރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ އެ ކޮމިޝަނުގެ މަސްއޫލިއްޔަތާއި ވާޖިބުތަކަށް އިހުމާލުވެގެން ކަމަށް ބުނެ، އެ ކޮމިޝަނުގެ މައްޗަށް ދައުވާ ކުރަން ގައުމީ ޕާޓީން ނިންމައިފި އެވެ.
ގައުމީ ޕާޓީން ބުނީ އިލެކްޝަންސްގެ މައްޗަށް ކުރާ ދައުވާގައި މިހާތަނަށް ޕާޓީގެ ރަޖިސްޓްރީން އުނިކޮށްފައިވާ ހުރިހާ މެމްބަރުންގެ މައްސަލަ ދެ ވަނަ ފަހަރަށް ބެލުމަށް ކޯޓުގައި އެދުމަށް ނިންމާފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމުގައި އިލެކްޝަންސް ކޮމިޝަންގެ އެތެރޭގެ މަސައްކަތާއި އިދާރީ ހިންގުމުގައި މިހާތަނަށް އަމަލު ކުރަމުން އަންނަ މިންގަނޑުތަކުގައި ހަރުދަނާ ކަމެއް ނެތްކަން އެކަމުން އެނގޭ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި މަސައްކަތް އިންތިޒިމް ކޮށްފައިވާ ގޮތަށް ބަލާއިރު، އެ ކޮމިޝަނުގެ ތެރޭގައި "ނުރަނގަޅު ނުފޫޒު"ތަކެއް ބައެއް ސީޔާސީ ޕާޓީތަކަށް ބޭނުން ކުރެވޭ ގޮތަށް އިންތިޒާމް ކޮށްފައިވާ ކަމަށާއި އަދި ރައްޔިތުންގެ ޖީބުން ބޮޑު މުސާރަ ދީގެން އައްޔަންކޮށްފައިވާ ކޮމިޝަންގެ މެމްބަރުންނަށް ގާނޫނީ އަދި ދުސްތޫރީ ވާޖިބު އެކަށީގެންވާ މިންގަނޑަކަށް އަދާކުނުކުރެވޭ ކަމީ މިއަދު ފެންނަން އޮތް ހަގީގަތެއްކަން ކަށަވަރުވާ ކަމަށް ވެސް ގައުމީ ޕާޓީން ބުންޏެވެ.
ގައުމީ ޕާޓީން ބުނީ މިހާރު ފެނިގެން މިދަނީ ކޮމިޝަނުގެ ނާގާބިލުކަމާއި އިހުމާލުގެ ސަބަބުން ރައްޔިތުން ކޮމިޝަނާ މެދު ކުރަމުން އައި އިތުބާރާއި ތާއީދު ނެތިގެންދާތަން ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަނުގެ މަސައްކަތްތައް އެފަދަ ޒިންމާދާރުކަން ކުޑަ ގޮތަކަށް ހުރުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބް އިންސާފުވެރި އިންތިޚާބަކަށް ވެގެން ދާނެ ކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ވެސް ގައުމީން ބުންޏެވެ. އަދި ގާނޫނު އަސާސީންނާއި ގާނޫނުން ވަކި ގޮތަކަށް އަމަލު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވަނިކޮށް އެ އާ ޚިލާފަށް އައްޑޫ ސިޓީ ކައުންސިލް އިންތިޚާބު އިއުލާން ކުރުމަކީ ކޮމިޝަނުގެ މެންމްބަރުން ގާނޫނު އަސާސީ އަށާއި ގާނޫނަށް ހުރުމަތްތެރިކޮށް ނުހިތާކަމުގެ ހެއްކެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ގައުމީ ޕާޓީގެ ނޫސްބަޔާނާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.