ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށް ޝަރީއަތަށް ސާވިތުވެ 18 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒު އަބްދުއްރައްޒާގު (ސަފާ) ހުށަހެޅި އިސްތިއުނާފު މައްސަލަ ހައިކޯޓުން ބަލައިގެންފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ބަލައިގަތުމަށްފަހު ސަފާގެ ގާނޫނީ ވަކީލަށް މިހާރު އަންގާފައިވާ ކަމަށެވެ.

ސަފާއަކީ 2005 އަހަރުން ފެށިގެން ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަމުން އަންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ފުރުސަތަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ސަފާ އެދުމުން އެ ފުރުސަތު އޭނާ އަށް ދީފައި ވާތީ އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރާފަ އެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.