03 Mar 2014, 14:52
ރާއްޖެ އެތެރެ ކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކުއްތާ ބޭނުން ކުރަން ނިންމާފައިވާއިރު "ޑޯގް ސްކޮޑް" އެއް އެކުލަވައިލުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންނަށް މިއަދު އަންގަވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޑޯގް ސްކޮޑެއް އެކުލަވާލުމަށް ހޯމް މިނިސްޓްރީން އެންގުމުން އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މިއަދު އެގޮތަށް އެންގެވުމުން އެ މަސައްކަތް އަޅުގަނޑުމެން މި ފެށީ. އަދި ނޭނގެ ކިހާ ދުވަހަކުން ކަމެއް މަސައްކަތް ނިމޭނީ،" އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެތި އަތުލައިގަތުމަށް މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ކުއްތާ ބޭނުން ކުރި އެވެ. އަދި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ވަނީ އެއާޕޯޓުގައި ކުއްތާ ބެހެއްޓުމަށް ހާއްސަ ތަނެއް ވެސް ހަދައިފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ކުރިން ވިދާޅުވެފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމަށްޓަކައި އެއާޕޯޓްތަކާއި ބަނދަރުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަންޖެހޭ ކަމަށެވެ.