މެކްސިކޯ ކައިރީގައިވާ ފަރުތަކުގެ މަންޒަރުތަކެއް ގޫގުލް މެޕްސްގެ ސްޓްރީޓް ވިއުގައި ހިމަނައިފި އެވެ.

ގޫގުލް އިން މި މަންޒަރުތައް ސްޓްރީޓް ވިއުގައި ހިމަނާފައި ވަނީ ކެޓްލިން ސީ ވިއު ކިޔާ ޖަމިއްޔާއެއްގެ އެހީގައެވެ. ކެޓްލިން ސީ ވިއު އަކީ ނެތެމުންދާ ނުވަތަ ނުރައްކާ ވެފައިވާ ކަނޑު އަޑީގެ މާހައުލުތަކުގެ ހައި-ރެޒޮލޫޝަން ފޮޓޯ ނަގާ ޑޮކިއުމަންޑް ކޮށް ރައްކާކުރަމުން އަންނަ ޖަމިއްޔާއެކެވެ.

ކެޓްލިން ސީ ވިއު އިން ކަނޑު އަޑީގެ މަންޒަރުތައް ޕެނޮރާމާކޮށް އެކުލަވާލަން ފަށާފައިވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މި ޖަމިއްޔާގެ ޑައިވަރުން މެކްސިކޯގެ މަންޒަރުތައް ނަގާފައިވަނީ ބާރުގަދަ ކެމެރާތަކެއް ބޭނުންކޮށްގެނެވެ. އަދި ބޮޑު ސަރަހައްދެއް ކަވަރު ކުރުމަށްޓަކައި ގަޑިއަކު 4 ކިލޯމީޓަރުގެ ބާރުމިނެއްގައި ޑައިވަރުން ވަނީ ފަރުތައް ކައިރީގައި ފީނާފައެވެ.

މެކްސިކޯގެ ހުޅަނގު ދެކުނުން އޮންނަ އައިލާ މުހައިރެސް އާއި ކަންކުން ރަށްތަކުގެ މަންޒަރުތައް ދާދި ފަހުން ހިމަނާފައިވާ އިރު، އޮސްޓްރޭލިޔާގެ ގްރޭޓް ބެރިޔާ ރީފް އާއި ހަވާއީ އާއި ފިލިޕީންސް އަދި ބަރމިއުޑާ އާއި އެމެރިކާގެ ސެންފްރަންސިސްކޯ އާއި ގަލަޕަގޮސް އައިލެންޑްސް ގެ ކައިރީގައިވާ ފަރުތަކުގެ މަންޒަރުތައްވެސް މީގެ ކުރިން ގޫގުލް ސްޓްރީޓްވިއު ގައި ވަނީ ހިމަނާފައެވެ.

މި ފޮޓޯތަކުގެ ސަބަބުން މުރަކަ ތަކަށް އަންނަ ބަދަލުތައް ދިރާސާ ކުރުމުގެ ފުރުސަތު ސައިންޓިސްޓުންނަށް ލިބެއެވެ. އަދި ނެތި ދިއުމުގެ ބިރު ހީވެފައިވާ ހިސާބުތައް ހިމާޔަތް ކުރުމަށް ބާރުއެޅުމަށްޓަކައި ސިޔާސަތާ ބެހޭ ފަރާތްތަކައި ކަމާ ބެހޭ އޮފީސްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުވެސް ތަނަވަސް ވެގެން ދެއެވެ.

ގޫގުލް ސްޓްރީޓް ވިއުގައި އަލަށް ހިމަނާފައިވާ މަންޒަރުތަކުގެ ތެރޭގައި މެކްސިކޯގެ އައިލާ ކޮންޓޯއީ ކިޔުނު ރަށެއްގެ ފަރު ކައިރިން ފެހުރިއްސެއް ދާ ތަކުން ފެންނަ ހުންނައިރު، ފަރުތަކުގެ ދިރުން އާލާ ކުރުމަށްޓަކައި އެ ދިމާލަށް ފައްތާފައިވާ ކާރެއްގެ މަންޒަރުތައްވެސް ފެންނަން ހުރެއެވެ.

ކަނޑު އަޑީގެ މަންޒަރުތައް ގޫގުލް ސްޓްރީޓް ވިއުގައި ހިމަނަން ފަށާފައިވާތާ ދުވަސްކޮޅެއް ވެފައިވީ ނަމަވެސް ފެންނަން ހުރި މަންޒަރުތަކުގެ އަދަދު މަދުކަމަށް މާހިރުން ފާހަގަ ކުރެއެވެ.
https://www.youtube.com/watch?v=7syWPIZt9B4