ރައީސް އޮފީހުން ބާއްވާ އިވެންޓްތަކަށް ދައުވަތު ދިނުމުގައި ރާއްޖެ ޓީވީއާ މެދު ތަފާތު ނުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ، ރައީސް އޮފީހުން އެދިގެން ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.

ޑެޕިއުޓީ އެޓާނީ ޖެނަރަލް މުހައްމަދު ހުޝާމް މިއަދު ސަން މައުލޫމާތު ދެއްވަމުން ވިދާޅުވީ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ އަނބުރާ ގެނައީ ރައީސް އޮފީހުން ހުރިހާ މީޑިޔާތަކާ މެދު ހަމަހަމަ އުސޫލުތަކެއް ގެންގުޅެން ބޭނުންވާތީ އެ މައްސަލަ އަނބުރާ ގެނައުމަށް އެޓާނީ ޖެނަރަލް އޮފީހަށް އެންގުމުން ނެވެ.

"މި ސަރުކާރުން ބޭނުން ވަނީ ހުރިހާ މީޑިޔާ ތަކާއިމެދު ވެސް ހަމަހަމަ އުސޫލުތަކެއް ގެންގުޅެން. ރައީސް އޮފީހުން އެންގުމާ ގުޅިގެން މިވަނީ ރާއްޖެ ޓީވީއާ މެދު ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ފަހު އަނބުރާ ގެންފައިވަނީ އެހެންވެ، " ހުޝާމް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބާއްވާ އިންވެންޓްތަކަށް ދައުވަތުދިނުމުގައި ރާއްޖެ ޓީވީއާ މެދު ތަފާތުތަކެއް ގެންގުޅޭކަމަށް ބުނެ ރާއްޖެ ޓީވީ ހުށަހެޅި މައްސަލައާ ގުޅިގެން ރާއްޖެ ޓީވީއާ މެދު ތަފާތުވުން ނުގެންގުޅުމަށް އެ ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް މިދިޔަ އަހަރު ދައުލަތުން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.