ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ނެޓްވޯކެއް ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑްރަގް އެންފޯސް ޑިޕާޓްމަންޓުގެ ޑްރަގް އިންޓަލިޖެންސުން ރޭ 12:00 ހާއިރު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 44 އަހަރުގެ މީހެއްކަމަށާއި އެމީހާ ހައްޔަރު ކޮށްފައިވަނީ އިސްލާމިކް ބޭންކް ސަރަހައްދުގައި ހުއްޓާކަމަށެވެ.

"އިސްލާމިކް ބޭންކް ސަރަހައްދުގައި ހުއްޓާ ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށްފައި ވަނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މީހާއަށް އެކޮމަޑޭޝަން ހަމަޖައްސައި ދިނުމުގައި އެހީތެރިވެދިން 21 އަހަރުގެ ފިރިހެނަކު ވެސް ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހާ ޑޮކްޓަރަށް ދެއްކުމުން އެމީހާގެ ހަށިގަނޑުގެ އެތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ރޭ ދަންވަރު މ. ޗެރީބެލްއާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރި އެކަމާ ގުޅުންހުރި ޑޮކިއުމެންޓްތަކާއި 4000 އަށް ވުރެ ގިނަ ޔޫއެސް ޑޮލަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ނެޓްވޯކާއި ގުޅުން ހުރި އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.