03 Mar 2014, 13:41
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި، ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި އެވެ.
ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ އެ މައްސަލަ އެ ކޯޓުން ބަލައިގެންފައިވާ ކަމަށާއި ނަމަވެސް އަދި މައްސަލަ ތާވަލްކޮށްފައި ނުވާކަށެވެ.
ކުޑަކަމުދާ އެއްޗިހި ދިނުމަށް ފުލުހުން ޖާބިރަށް އަންގާފައި ވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހދ. ހޮނޑައިދޫގައި ހުއްޓައެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ފުލުހުންގެ އެންގުމަށް ކުޑަކަމުދާ ތަކެތި ނުދޭނެ ކަމަށް ކަނޑައެޅިގެން ޖާބިރު ބުނެފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.
ހެކިން ޖާބިރަށް އަނިޔާ ކުރި ކަމަށް އޭނާ ވިދާޅުވިނަމަވެސް އެ ހެކިން އޭނައަށް އަނިޔާކުރިކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ކުޑަކަމުދާ އެއްޗިހި ދޭން ފުލުހުން އެންގި އިޖުރާއަތްތަކަކީ ސައްޚަ އިޖުރާއަތްތަކެއް ނޫން ކަމަށް ޖާބިރު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވިނަމަވެސް ޝަރީއަތަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ކުޑަކަމުދާ އެއްޗިހި ދިނުމަށް ޖާބިރަށް އަންގާފައި ވަނީ ސައްޚަ އިޖުރާއަތުތަކެއްގެ ދަށުން ކަމަށް ޝަރީއަތަށް ފެންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.