އައިލެންޑް އޭވިއޭޝަނަށް ރިސޯޓް ހިންގުމަށް ދީފައިވާ ތ. ރުއްތިބި ތަރައްގީ ކުރުމަށް މެއި މަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނެފި އެވެ.

އެރިސޯޓް ހެދުމަށް ހަތަރު ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބުދުލްހާރިޝް މިއަދު ސަން އަށް ވިދާޅުވީ މިހަފްތާގެ ތެރޭގައި ރިކުއެސްޓް ފޯ ޕުރޮޕޯސަލް(އާރްއެފްޕީ) ހުށައަޅާނެ ކަމަށާއި ލަފާކުރެވޭ ގޮތުން މެއި މަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިބަަލަނީ އޭޕުރީލް ނުވަތަ މެއި މަހުގެ ތެރޭގައި ރިސޯޓް ތަރައްގީ ކުރަން ހަވާލުކުރެވޭނެ ވާހަކަ،" ހާރިޝް ވިދާޅުވި އެވެ.

ހާރިޝް ވިދާޅުވީ މެއި މަހާއި ހިސާބަށް ރިސޯޓް ތަރައްގީކުރުން ފަރާތަކާއި ހަވާލުނުކުރެވޭނެ އޮތީ އެންމެ ސަބަބެއް ކަމަށާއި އެއީ އެއްވެސް ފަރާތަކުން ރަނގަޅު އާރްއެފްޕީއެއް ހުށަނާޅައިފި ނަމަ އެކަނި ކަމަށެވެ.

އެ ރަށް ރިސޯޓެއްގެ ގޮތުގައި ހިންގުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައި ވަނީ ލ. ކައްދޫ އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނުން ހަވާލު ކުރުމަށް ފަހު މިދިޔަ މަހު އަށް ވަނަ ދުވަހު އެވެ.

ކައްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައި ވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. ހަމައެއާ އެކު ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވަނީ ވިލާއެއާ އާ ހަވާލުކޮށްފަ އެވެ. އެގޮތަށް ނިންމީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުންނެވެ.