20 Dec 2010, 09:14
މި އަހަރުގެ ޖޫން މަހުގެ ތެރޭ ތ. ކިނބިދޫގައި ނުވަ މަހުގެ ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި އިންޑިޔާގެ ރުބީނާ ބުރުހާނުއްދީނަށް ދައުލަތުން ގާނޫނީ ވަކީލެއް ހަމަޖައްސައި ދިނުމަށް އޭނާ ޝަރީއަތުގައި އެދިއްޖެ އެވެ.
މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި ރުބީނާ ބުރުހާނުއްދީންގެ މައްޗަށް ކުރާ ދަރިފުޅު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާގައި ވެސް ރުބީނާ ބުނެފައި ވަނީ ދައުލަތުން ޢޭނާއަށް ވަކީލުން ހަމަޖައްސައި ދިނުމަށެވެ.
އޭނާ އެ ގޮތަށް އެދުމުން ޝަރީއަތުން ބުނެފައި ވަނީ ރުބީނާގެ މައްޗަށް ދައުވާ ލިބޭ މަރުގެ މައްސަލައިގައި ދައުލަތުން އޭނާއަށް ވަކީލަކު ހަމަޖައްސައި ދިނުމަށް ކޯޓުން ސިޓީ ފޮނުވައި ދޭނެ ކަމަށެވެ. ނަމަވެސް ދައުލަތުގެ ފަރާތުން އޭނާއަށް ވަކީލަކު ހަމަޖެއްސުމުގެ ކަންކަން ކުރަންޖެހޭނީ އަމިއްލައަށް ކަމަށެވެ. އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައިގައި ވަކީލަކު ހަމަޖައްސަން ޖެހޭނީ ރުބީނާ އަމިއްލައަށް ކަމަށް ވެސް އެންގި އެވެ. ވަކީލުން ހަމަޖެއްސުމަށް އޭނައަށް ވަނީ 15 ދުވަހުގެ ފުރުސަތެއް ދީފައެވެ.
އިންޑިޔާގެ ރުބީނާ ބުރުހާނުއްދީންގެ މައްޗަށް ދައުވާކޮށްފައިވަނީ ޖޫން 27، 2010ގައި އޭނާގެ ފިރިމީހާ ތ. ކިނބިދޫ އަލިތަރި، ހަސަން ޖާބިރު ދެކެ ހިތްހަމަ ނުޖެހި ރުޅި އައިސްގެން އެ ދެ މީހުންގެ ނުވަ މަހުގެ ފިރިހެން ދަރިފުޅު، އަހުމަދު ސާއިބު މަރާލުމުގެ ބޭނުމުގައި ރުބީނާ އެ ކުއްޖާގެ މޫނު މަތީގައި ބާލީސް އަޅައި މަރާލާފައިވާތީ އެވެ.
ސާއިބު މަރުވެގެން ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައިރު އެއްވެސް ޒަހަމެއް ފެންނާކަށް ނެތެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ ސާއިބުގެ މަރާ ގުޅިގެން ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ހިންގާފަ އެވެ.