ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު މަސްވެރިކަން ރަނގަޅު ނަމަވެސް މަހުގެ އަގު ތިރި ނުވެ މަހުގެ އަގު މައްޗަށް ގޮސްފި އެވެ.


މާލޭ ބާޒާރުގައި މިއަދު މަހުގެ އަގުތަކަށް ބަލާއިރު، ބަދިގެ ތަކުގައި އެންމެ ގިނައިން ބޭނުންކުރާ ކަންނެލީގެ އަގުތަށް ހުރީ، މީގެ ހަފްތާއެއްގެ ކުރިއާ އަޅާ ބަލާއިރު ގާތްކަނޑަކަށް ކިލޯއަކުން 10ރ. ބޮޑުވެފަ އެވެ. އެގޮތުން ކުރިން 30ރ. އަށް ލިބުނު ބޮޑު ކަންނެލި ކިލޯއެއް މިއަދު ބާޒާރުން ލިބެން ހުރީ 40ރ. ކިލޯއެކެވެ. ކުދި ކަންނޭލީގެ އަގު ހުރީ، 40ރ. އާއި 70ރ. އާ ދެމެދުގަ އެވެ.

ބާޒާރުގައި ކަނޑުމަހުގެ އަގަށް ބަލާއިރު، ގާތްގަނޑަކަށް ފޫޓެއް ހުންނަ ވަރުގެ މަހެއް ލިބެނީ 150ރ. އަށެވެ. ރާގޮނޑީގެ އަގު 15ރ. އާއި 35ރ. އާއި ދެމެދުގައި ހުރިއިރު، ލައްޓިއެއްގެ އަގު އުޅެނީ 70ރ. އަށެވެ.


ފަރު މަހުގެ އަގުތަކަށް ބަލާއިރު، ކައިވަތެއް ހުންނަވަރުގެ މުށިމަސް، 20ރ. އަށް ހަތަރު މަސް ލިބެއެވެ. އަދި 15ރ. އަށް ދެ ނޫމަސް ލިބެންހުރި އިރު، ރިންމަހުގެ އަގު ހުރީ، 20ރ. އަށް ތިން މަހެވެ.

ފަރުމަހުގެ ބޮޑެތި ބާވަތްތަކަށް ބަލާއިރު، ދޮޅު ފޫޓޫ ހުންނަވަރުގެ މާނިޔާ މަސް ހުރީ 65ރ އާއި 80ރ. އާއި ދެމެދުގަ އެވެ.


ރަތްމަހުގެ އަގު 70ރ. އާއި 150ރ. އާ ދެމެދު ހުރިއިރުއާދައިގެ މުޑަ ހަންޖެއްގެ އަގު އުޅެނީ، 60ރ. އަށެވެ. އަދި ފާނައެއްގެ އަގު 150ރ. އަށް ހުރިއިރު، ބޯވަގެ އަގުތައް ހުރީ 170ރ. އާއި 200ރ އާ ދެމެދުގަ އެވެ.



މާރުކޭޓުގައި ތިބި ބައެއް އޮޑިތަކުގެ ކެޔޮޅުންނާއި ފަޅުވެރިންނާ ސުވާލުކޮށްލުމުން ބުނީ، މިދުވަސްވަރު، މަސްވެރިކަން އާދައިގެ ވަރަކަށް ރަނގަޅު ކަމަށެވެ.