ބޮޑެތި މަޝްރޫއުތައް ހިންގުމަށް ޓަކައި ސްޕެޝަން އިކޮނަމިކް ޒޯންތަކެއް ގާއިމް ކުރުމުގެ ބިލް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްވެސްޓް ކުރުމުގައި ހުރި ދަތިތައް ސަރުކާރުން ހައްލުކޮށް ދެއްވާނެ ކަމަށެވެ. އަދި އިންވެސްޓް ކުރުމަށް ހުރި ހުރަސްތައް ހައްލު ކުރުމަކީ އިސްވެސްޓް ކުރާ ފަރާތްތަކަށް ލިބޭނެ އިތުރު ޔަގީން ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ގޮތުން ރާއްޖޭގައި އިސްވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްވެސްޓް ކުރުމުގައި ހުރި ދަތިތައް ހައްލު ކުރުމަކީ ރާއްޖޭގައި އިސްވެސްޓް ކުރާ ފަރާތްތަކަށް ލިބޭނެ އިތުރު ޔަގީން ކަމެއް. މި ގޮތުން އިސްފްރާސްޓްރަކްޗާ ބޮޑެތި މަޝްރޫއުތައް ހިއްގުމަށް ޓަކައި ސްޕެޝަން އިކޮނަމިކް ޒޯންތަކެއް ގާއިމް ކުރުމުގެ ބިލް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި އިއްޒަތްތެރި މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ ވާހަކަ ދަންނަވަން،" ހިނގަމުންދާ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ރައީސް ޔާމިން މިއަދު ވިދާޅުވި އެވެ.

މަޖިލީހަށް ހުށަހަޅުވާނެ ބިލްތައް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އިކޮނަމިކް ޒޯންތައް ކަނޑައެޅުމުގެ ބިލާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދާއިމީ މާލީ އެހީއެއް ފޯރުކޮށްދޭނެ އިމްތިޒާމެއް ހަމަޖެއްސުމުގެ ބިލް މަޖިލީހުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

"ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެކި އުރުމު ފުރައިގެ މީހުންނަށް ހުސްނުވާ އާސަންދައިގެ ތެރެއިން ބޭސް ފަރުވާ ކުރެވޭނެ ނިޒާމް މިހާރު ވަނީ ހަމަޖެހިފައި. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްކަކީ މި ސަރުކަރުގެ އެއްވެސް ހިދުމަތަކުން މަހުރޫމްވާނެ ބައެއް ނޫން. ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދާއިމީ މާލީ އެހީއެއް ފޯރުކޮށްދޭނެ އިމްތިޒާމެއް ހަމަޖެއްސުމަށް. މިއަދު މިފެށޭ ރައްޔިތުންގެ މަޖިލީހަށް މިކަމާ ގުޅޭ ބިލެއް ހުށަހެޅުމަށް އަޅުގަނޑު ގަސްތު ކުރާ ވާހަކަ ދަންނަވާލަން،" ރައީސް ޔާމިން ވިދާޅުވި އެވެ.

ފަސް އަހަރު ދުވަހަށް އެކުލަވާލާ ގާނޫނީ އެޖެންޑާ ސަރުކާރުން އެކުލަވާލާފައިވާ ކަމަށް ރައީސް ޔާމިން މިއަދު ވިދާޅުވި އެވެ. އެމަނިކުފާ ވިދާޅުވީ ސަރުކާރުގެ ވިސްނުންތަކުގެ މައްޗަށް ތައާރަފް ކުރަންޖެހޭ ބިލާއި އިސްލާހު ހުށަހަޅަންޖެހޭ ގާނޫނުތަކަށް ހުށަހަޅާ ބިލްތަކާއި ގާނޫނު އަސާސީގެ ދަށުން އަހަމަލު ކުރަން ޖެހޭ ބިލްތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރާނީ ޓޫރިޒަމާއި އިގްތިސާދަށް ބޮޑު ތަރައްގީ އެއް އަންނަ ގޮތަށް ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ އާޕޯޓް ތަރައްގީ ކުރާނީ ކުރިއަށް އޮތް 50 އަހަރަށް ފުދޭ ވަރަށް ކަމަށެވެ.

"އެއާޕޯޓް ތަރައްގީ ކުރުމަށް ވާންޖެހޭ ތައްޔާރީތައް އެ ވަނީ މިހާރުވެފައި. އިރާދަ ކުރެއްވިއްޔާ އެތަން ތަރައްގީކޮށް ނިމޭ އިރު އެއާޕޯޓް ވެގެންދާނީ 50 އަހަރަށް ފުދޭ، ފުޅާވަމުންދާ ޓޫރިޒަމާއި ހުޅުވާލެވޭ އިގްތިސާދަކަށް ފަހި ދިވެހިންގެ އެއާޕޯޓަކަށް،" ރައީސް ވިދާޅުވި އެވެ.

ޒުވާނުންނަށް ވަޒީފާގެ ފުތުސަތުތައް ސަރުކާރުން ތަނަވަސްކޮށްދޭނެ ކަމަށް ވައުދުވެވަޑައިގަންނަވަމުން ރައީސް ޔާމިން ވިދާޅުވީ މުހިއްމު ސިނާއަތްތަކުން ޒުވާނުނަށް ވަޒީފާ ހުޅުވާލެވިގެން ނޫނީ "އަޅުގަނޑުމެން" ބޭނުންވާ ތަރައްގީއެއް ނުލިބޭނެ ކަމަށެވެ.

ދައުލަތުގެ ދަރަނި ބޮޑުވެގެންދާ ނިސްބަތް ހާމަ ކުރައްވައި ރައީސް ވިދާޅުވީ އިގްތިސާދަށް ހަލުވި ކުރި އެރުމެއް އަންނަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 27.7 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރުގެ ބޭރުގެ ދަރަނި 11.6 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާއިރު، އެތެރޭގެ ދަރަނި އުޅެނީ 16.1 ބިލިއަން ރުފިޔާގައި ކަމަށް ރައީސް ވިދާޅުވި އެވެ. މިއަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ބެލެވެނީ 31.1 ބިލިއަން ރުފިޔާގައި ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.