03 Mar 2014, 11:50
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ކުރިއަށް އޮތް އަހަރު ހައްޖުގެ އަޅުކަން އަދާކުރަންދާން ބޭނުންވާ މީހުން ރަޖިސްޓަރީ ކުރުމާއި ފައިސާ ބަލައިގަތުން މިއަދު ފަށައިފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ، "ދުރާލައި ރާވައިގެން ހައްޖަށް ދިއުމަށް މަގުފަހިކުރާ ސޭވިން ޕެކޭޖް"ގެ ދަށުން 1436 ވަނަ އަހަރު ހައްޖަށް ދިއުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓަރީ ވުމާއި ފައިސާ ބަލައިގަތުން މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ރަޖިސްޓަރީ ކުރުމާއި ފައިސާ ބަލައިގަތުން ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ފެށިގެން މެންދުރު ފަހު 2 އާ ހަމައަށް ދަރުބާރުގޭ ފާށަނާ މާލަމުގައި ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ދުރާލައި ރާވައިގެން ހައްޖަށް ދިއުމަށް މަގުފަހިކުރާ ސޭވިން ޕެކޭޖްގެ ދަށުން ހައްޖަށް ދިއުމަށް އެދޭ ފަރާތްތައް ރަޖިސްޓްރީ ކުރުމާއި ފައިސާ ބަލައިގަންނަނީ "މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދުމާއި ބެހޭ އުސޫލު"ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން މި އަހަރު ހައްޖަށްދާ މީހުން ރަޖިސްޓްރީ ކުރުމަށް އިއްޔެ ހުޅުވާލި ފުރުސަތު ވަނީ، ރޭ 9 ޖެހުމާ ހަމައަށް ހަމަވެފަ އެވެ.
ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެ އަށް ލިބުނު 800 ޖާގައިގެ ތެރެއިން ހައްޖު ކޯޕަރޭޝަނުން ދޫކޮށްހުއްސްވީ 370 މީހުންގެ ކޯޓާ އެވެ. އަމިއްލަ ހައްޖު ކުންފުނިތަކަށް ދިނުމަށް ހަމަޖައްސާފައި ވަނީ 400 ޖާގަ އެވެ.
ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ކޯޓާ ދޫކޮށް ހުސްވީ، ރޭ އެތައް ބަޔަކު ކިއުގައި ތިއްބައި ކަމަށެވެ. ރޭ އިރާކޮޅު 9 ފެށިގެން އެތައް ބަޔަކު ކިޔުގައި ޖެހިފައިވާ އިރު، ހައްޖަށް ދާން ކޯޓާ ނުލިބުނު މީހުން ވަނީ ދަރުބާރުގޭގައި އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.