ފިލިޕީންސްގައި ހިނގި ނުރައްކާތެރި ކާރިސާގައި އެގައުމަށް ލިބުނު ގެއްލުންތަކަށް އެހީތެރިވުމަށް ކުރީގެ ފުޓްބޯޅަ ތަރިންތަކެއް ފުޓްބޯޅަ މެޗެއް ކުޅެން ނިންމައިފި އެވެ.

ސްވިޒަލޭންޑްގައި ކުޅޭ މެޗުގައި ކުރީގެ ބްރެޒިލް ތަރި ރޮނާލްޑޯ އާއި ކުރީގެ ފްރާންސް ތަރި ޒައިނުއްދިން ޒިދާން، ކުރީގެ ޕޯޗުގަލް ތަރި ލުއިސް ފީގޯ އަދި ކުރީގެ އިޓަލީ ތަރި ޕައޮލޯ މަލްޑިނީ ވެސް ވަނީ ބައިވެރިވާން ނިންމައިފައި ވެއެވެ.

ފަގީރުކަމާ ދެކޮޅަށް ކުޅޭ އެގާރަ ވަނަ އަހަރީ މެޗުގައި އެއްކޮޅުން ރޮނާލްޑޯ، ޒިދާން އެންޑް ފްރެންޑްސް ނުކުންނައިރު، އަނެއް ކޮޅުން ނުކުން ބީއެސްސީ ޔަންގް ބޯއީސް އެންޑް ފްރެންޑްސް އެވެ. މި މެޗަކީ ތާރީހުގައި ފިލިޕީންސްގައި ހިނގައިދިޔަ އެންމެ ބޮޑު އެއް ކާރިސާ ކަމަށްވާ ޓައިފޫން ހައިޔާން އިން ލިބުނު ގެއްލުންތަކަށް އެހީތެރިވުމުގެ ގޮތުން ކުޅޭ މެޗެކެވެ.

ސްވިޒަލޭންޑްގެ ބާންގައި ހުންނަ ސްޓޭޑޭ ޑި ސުއިސޭ ދަނޑުގައި މާދަމާ ކުޅޭ މި މެޗުގެ ޓިކެޓް މިއަދުން ފެށިގެން ވިއްކަން ފަށާނެ އެވެ.

"މި މެޗުގައި ބައިވެރިވާން ދައުވަތު ލިބުނީތީ އުފާކުރަން. އަހަރެންގެ ކެރިޔަރުގައި ޑިފެންޑަރެއްގެ ގޮޮތުގައި ކުޅެއްވިއްޖެ، ދެން އަހަރެން ބޭނުންވަނީ ފަގީރުކަމާ ދެކޮޅަށް ފިލިޕީންގެ މީހުންނަށްޓަކައި ޑިފެންޑް ކޮށްދޭނެ،" މިމެޗުގައި ބައިވެރިވާ ކުރީގެ އޭސީ މިލާން ޑިފެންޑަރު މަލްޑިނީ ބުންޏެވެ.

ޒިދާން، ރޮނާލްޑޯ، ފީގޯ އަދި މަލްޑިނީގެ އިތުރުން މި މެޗުގައި ކުރީގެ ގިނަ ތަރިންތަކެއް ބައިވެރިވާނެ އެވެ. އެގޮތުން ފެނާންޑޯ ހިއެރޯ، ފަބިއޯ ކަނަވާރޯ، ރޮބަޓް ޕިރޭސް، ޕެޓްރިކް ވިއޭރާ، ގެނޭރޯ ގަޓޫސޯ، ޕަވެލް ނެޑްވެޑް، ކްރިސްޓިއަން ވިއޭރީ އަދި ގިއޮވާނެ އެލްބާ ވެސް ބައިވެރި ވާނެ އެވެ. ތަރިން ހިމެނޭ ޓީމުގެ ކޯޗުކަން ކުރާނީ ކުރީގެ ޗެލްސީ ކޯޗު ރޫޑް ގުލިޓް އެވެ.

ރޮނާލްޑޯ، ޒިދާން އެންޑް ފްރެންޑްސް ފުރިހަމަ ސްކޮޑު މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެ ޓީމުގައި ހިމެނެނީ:

ގޯލްކީޕަރުން: ކާލޯ ކުޑިޗިނީ (އިޓަލީ)، އެންޓޯނިއޯސް ނިކޮޕޮލިޑިސް (ގްރީސް)

ޑިފެންޑަރުން: ޕައޮލޯ މަލްޑިނީ، ފަބިއޯ ކަނަވާރޯ، ޖިއަންލޫކާ ޒަމްބްރޮޓާ (އިޓަލީ)، ފެނާންޑޯ ހިއެރޯ، މިޝެލް ސަލްގާޑޯ (ސްޕެއިން)، ޖެމީ ކަރޭގާ (އިންގްލެންޑް)، ޕައުލޯ ފެރޭރާ، ފެނާންޑޯ ކޫޓޯ (ޕޯޗުގަލް)

މިޑްފީލްޑަރުން: ޒައިނުއްދިން ޒިދާން، ޕެޓްރިކް ވިއޭރާ، ކްރިސްޓިއަން ކެރެމްބެއޫ (ފްރާންސް)، ލުއިސް ފީގޯ، ޕައުލޯ ސޫސާ (ޕޯޗުގަލް)، ޕަވެލް ނެޑްވެޑް (ޗެކް ރިޕަބްލިކް)، ފްރެޑީ ލިއުންބާގް (ސްވިޑެން)، ގައިޒްކާ މެންޑިއެޓާ (ސްޕެއިން)، ގެނޭރޯ ގަޓޫސޯ (އިޓަލީ)، ރޮނަލްޑް ޑި ބޯ (ނެދަލޭންޑްސް)، ސެންޓިއާގޯ ސޮލާރީ (އާޖެންޓީނާ)، ހިޑެޓޯޝީ ނަކާޓާ (ޖަޕާން)، ސްޓީވް މެކްމަނަމެން (އިންގްލެންޑް)

ފޯވަޑުން: ރޮނާލްޑޯ، މާޓާ، ޖިއޮވާނެ އެލްބާ (ބްރެޒިލް)، ޑަވޯ ސުކާ (ކްރޮއޭޝިއާ)، ހަކާން ސުކޫރް (ތުރުކީ)، ޔޯރީ ޖޯކައެފް (ފްރާންސް)، ކްރިސްޓިއަން ވިއޭރީ (އިޓަލީ) ނޫނޯ ގޮމޭސް (ޕޯޗުގަލް)