03 Mar 2014, 11:01
ސްޕެނިޝް ލަލީގާގައި ފަހަތުން އަރައި އެތްލެޓިކޯ މެޑްރިޑް މޮޅުވަމުން ދަނިކޮށް، މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ލަނޑެއް ކާމިޔާބުކޮށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް މެޑްރިޑް ސަލާމަތްކޮށްދީފި އެވެ.
މެޑްރިޑް ސިޓީގެ ދެ ކްލަބު ރޭ ކުޅުނު ފޯރިގަދަ މެޗު ނިމިގެން ދިޔައީ 2-2 ލަނޑުން އެއްވަރު ވެގެންނެވެ.
އެތުލެޓިކޯގެ ވިސެންޓޭ ކަލްޑެރޯންގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ރެއާލް އެވެ. މި ލަނޑު މެޗުގެ ތިންވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އެވެ.
ބެންޒެމާގެ ލަނޑާއެކު އެތުލެޓިކޯގެ ކުޅުން ރަނގަޅުކޮށް، ފުރަތަމަ ހާފުގެ ތެރޭގައި އެ ޓީމުން ދެލަނޑު ކާމިޔާބު ކޮށް، ލީޑު ނެގި އެވެ. އެތުލެޓިކޯގެ ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނިޓުގައި ސްޕެއިން މިޑްފީލްޑަރު ކޮކޭ ކާމިޔާބުކޮށްދިން އިރު، އެޓީމަށް ލީޑު ހޯދައިދިނީ ކެޕްޓަން ގަބީ އެވެ.
ދެވަނަ ހާފުގައި ރެއާލްގެ ފަރާތުން ފެނިގެންދިޔައީ ތަފާތު ކުޅުމެކެވެ. ރެއާލްގެ މޮޅު ކުޅުމާއެކު، އެ ޓީމަށް ފުރުސަތުތަކެއް ވެސް ލިބިފައިވެ އެވެ. އެގޮތުން ރޮނާލްޑޯ، ގެރެތު ބޭލް، ލޫކާ މޮޑްރިޗް، ބެންޒެމާ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. މެޗުގެ 82 ވަނަ މިނެޓްގައި ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕޯޗުގަލް ތަރި ރޮނާލްޑޯ އެވެ.
މިދިޔަ ހަފްތާގައި ބާސެލޯނާ އަށް ލިބުނު ލަދުވެތި ބައްޔަށް ފަހު، އަލްމޭރިއާ އާއި ދެކޮޅަށް ނުކުތް މެޗުން އެޓީމު ވަނީ ފަސޭހަކަމާއެކު މޮޅުވެފަ އެވެ. ރެއާލް އާއި އެތުލެޓިކޯ އެއްވަރުވުމާއި ގުޅިގެން، ބާސާ ހޯދި މޮޅާއެކު އެއްވަނައިގައި އޮތް ރެއާލްއާ ދެމެދު އޮތް ތަފާތު ވަނީ އެއް ޕޮއިންޓަށް ކުޑަކޮށްފަ އެވެ.
ބާސާގެ އެސްޓޭޑިއޯ ކޭމްޕް ނޯ ގައި ކުޅުނު މިމެޗުން އެޓީމު މޮޅުވީ 4-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ނުވަ ވަނަ މިނެޓުގައި ބާސާ އަށް ކާމިޔާބު ކޮށްދިނީ ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒް އެވެ. ދެވަނަ ލަނޑު މެޗުގެ 24 ވަނަ މިނެޓްގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީ ކާމިޔާބު ކުރި ނަމަވެސް، އޭގެ ތިން މިނެޓް ތެރޭގައި އެންޖެލް ޓްރުޖިލޯ އަލްމޭރިއާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދިނެވެ.
މެޗުގައި ބާސާ އިން ކާމިޔާބުކުރި އަނެއް ދެ ލަނޑު ކާމިޔާބުކުރީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ 83 ވަނަ މިނެޓުގައި ބާސާގެ ތިންވަނަ ލަނޑު ސްޕެއިން ޑިފެންޑަރު ކާލެސް ޕިޔޯލް ކާމިޔާބުކޮށްދިން އިރު، ހަތަރު ވަނަ ލަނޑު 89 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސްޕެއިން ޕްލޭމޭކަރު ޒަވީ އެވެ.
ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، 64 ޕޮއިންޓާ އެކު އެއްވަނައިގައި އަދިވެސް އޮތީ ރެއާލް އެވެ. 63 ޕޮއިންޓާ އެކު ދެވަނައިގައި ބާސާ އޮތް އިރު، ތިންވަނައިގައި އޮތް އެތުލެޓިކޯ އަށް ލިބިފައި ވަނީ 61 ޕޮއިންޓެވެ.