ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިލްހާމް އިދުރީސް އަށް އެކުންފުނީގެ ނަމުގައި ދީފައި އޮންނަ އުރީދޫގެ ފޯން ބިލަށް އޭނާ މަގާމުން ވަކިކުރި ފަހުން 22،000 އަށް ވުރެ ގިނަ ރުފިޔާ އެެރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޓީސީއެލްގެ ބޯޑުން އިލްހާމް އިދުރީސް ވަކިކޮށްފައި ވަނީ 31 ޑިސެމްބަރު 2013 ވަނަ ދުވަހު ބޭއްވި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ފާސްކޮށްގެންނެވެ. އޭނާގެ އިތުރުން އެ ދުވަހު އެ ބޯޑުގެ ހަތަރު މެމްބަރަކު ވެސް އޭނާ އާ އެކު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.

ސަން އަށް ލިބިފައިވާ އުރީދޫގެ ބިލްގައިވާ ގޮތުގައި 01 ޖެނުއަރީ 2014 އިން ފެށިގެން އެ މަހުގެ ނިޔަލަށް އެ ބިލަށް ދައްކަން ޖެހޭ ޖުމްލަ އަދަދު 22،130.35ރ. އަރާފައިވާ އިރު އެ ބިލްގައިވާ ގޮތުން އެ މުއްދަތުގެ ތެރޭގައި އެ ނަމްބަރުން ބޭރު ގައުމުތަކަށް ކޮށްފައިވާ "ރޯމިންގް" ކޯލްތަކަށް 17،372.22 އަރާފައިވެ އެވެ. އެ ނަމްބަރުން ރާއްޖެ އިން ބޭރަށް ކޮށްފައިވާ ކޯލްތަކަށް 4074.13ރ. އަރާފައިވާ އިރު އިންކަމިން ރޯމިންގް ކޯލްތަކަށް 285ރ. ވަނީ އަރައިފަ އެވެ. އަދި އެ ބިލަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ޖެނުއަރީގެ ނިޔަލަށް ނުދައްކާވާ ފައިސާގެ ގޮތުގައި 6666.85 ރުފިޔާ ވަނީ އަރައިފަ އެވެ.

މީގެ އިތުރުން ތިލަފުށީގެ"ވެލި" ޓެސްޓް ކުރުމަށް ސޮއިލް ސޮލިއުޝަންސް ނަމަކަށް ކިޔާ ބޭރުގެ ކުންފުންޏަކަށް އިލްހާމް އިދުރީސް އާއި އެ ކުންފުނީގެ ބޯޑުން އޭނާ އާ އެކު ވަކިކުރި އާދަމް ތައުފީގު ސޮއިކޮށް، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު، މޮރިސަސް ބޭންކް މެދުވެރިކޮށް، 9302.72 ޑޮލަރުގެ ޓްރާންސްސެކްޝަނެއް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމަންޓެއް ވެސް ސަން އަށް ވަނީ ލިބިފަ އެވެ.

އެ ޑޮކިއުމަންޓްގައިވާ ގޮތުން އެ ފައިސާ ޖަމާކޮށްފައި ވަނީ އައިސްލްސް އޮފް މޭންގެ ކުންފުންޏެއް ކަމުގައިވާ ސޮއިލް ސޮލިއުޝަަންގެ ބޭންކް އެކައުންޓަކަށެވެ. އަދި އެ ފައިސާއަކީ ތިލަފުށީގެ "ވެލި" ޓެސްޓް ކުރުމުގެ ބޭނުމުގައި އެކުންފުންޏަށް ދީފައިވާ ފައިސާކަން އެ ޑޮކިއުމަންޓްގައިވެ އެވެ.

ޓީއެލްސީގެ މިހާރުގެ އެމްޑީ ޝަހީލް ޖަލީލް މިއަދު ސަން އަށް ވިދާޅުވީ އިލްހާމް އިދުރީސްއަށް ކުންފުނިން ދީފައިވާ ނަމްބަރު ޓާމިނޭޓްކޮށް ދިނުމަށް ޖެނުއަރީ މަހުގެ ކުރީކޮޅު ކުންފުނިން އުރޫދޫގައި އެދިފައިވާނެ ކަމަށެވެ. އަދި އޭގެ ފަހުން އެ ނަމްބަރު ބޭނުން ކޮށްފައި ވަނީ ކޮން ފަރާތަކުން ކަން އެނގޭނީ އެކަންތައް ބެލުުމުން ކަމަށެވެ. ނަމަވެސް އެ ނަމްބަރު ޓާމިނޭޓް ނުކުރާކަން އެނގިވަޑައިނުގެންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތިލަފުށީ ކޯޕަރޭޝަންގެ ނަމުގައި އޮންނަ އެ ނަމްބަރު ޓާމިނޭޓް ކޮށްދިނުމަށް ޖުނުއަރީގެ ކުރީކޮޅު ކުންފުނިން ވަނީ އެދިފައި، ނަމަވެސް އިތުރަށް އެ ނަމްބަރު ބޭނުންކުރީ ކޮން ފަރާތަކުންކަން އެނގޭނީ އުރޫދޫއާ މަޝްވަރާކުރުމަށް ފަހު،" ޝަހީލް ވިދާޅުވި އެވެ.

އުރޫދޫގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެކުންފުންޏާ އެކުންފުނީގެ ކަސްޓަމަރަކާ ދެމެދުކޮށްފައިވާ މުއާމަލާތްތައް ތާޑްޕާޓީއަތަކާ ހިއްސާކުރުމުގެ އުސޫލު ގެންގުޅެމުންނުދާ ކަމަށެވެ. އެހެންވެ އެ ނަމްބަރު ތިލަފުށިން އެދުނު ތާރީހުގައި ޓާމިނޭޓް ކުރުމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް މީޑިއާ އަށް ދެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަހީލް ވިދާޅުވީ ތިލަފުށީގެ ސޮއިލް ޓެސްޓް ކުރުމުގެ މަސައްކަތް އައިސްލްސް އަށް އެވޯޑްކޮށްފައިވާ އިރު އެ މަސައްކަތާ ބެހޭ ރިޕޯޓް މިމަހުގެ ތެރޭގައި ކުންފުންޏަށް ލިބޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދުރީސް ވަޒީފާ އިން ވަކިކުރި ފަހުން އޭނާ އަށް އެކުންފުނިން ދޫކޮށްފައިވާ ލެޕްޓޮޕަކާއި އެޕަލް އައިޕެޑެއް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި ކުންފުނީގެ އެއްވެސް އެއްޗެއް ގަވާއިދާ ހިލާފަށް އިދުރީސް ބޭނުން ކުރެއްވިކަން އެނގެން ނެތް ކަމަށް ވެސް ޝަހީލް ވިދާޅުވި އެވެ.

ތިލަފުށީ ކޯޕަރޭޝަންގެ އެމްޑީ ކަމުގެ މަގާމުގައި އިދުރީސް ހުންނެވި އިރު ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން ގެންދަނީ ބަލަމުންނެވެ.

އޭސީީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ އިދުރީސް މަގާމުން ވަކިކުރި ފަހުން އޭނާއާ ބެހޭ އެއްވެސް މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިނުވާ ކަމަށާއި ނަމަވެސް ކުރީގެ މައްސަލަތަކެއް މިހާރު ވެސް އެކޮމިޝާނުން ބަލަމުން އަންނަ ކަމަށެވެ.

އިލްހާމް އިދުރީސްގެ ފޯނު ނިއްވާލާފައި އޮތުމުގެ ސަބަބުން އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.