03 Mar 2014, 10:45
މޮސްކޯ (މާޗް 3) : ރަޝިޔާގެ ގައުމީ މަސްލަހަތު ޙިމާޔަތް ކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި ރަޝިޔާ ސިފައިން ޔުކްރޭނަށް ވަދެގަންނާނެ ކަމަށާއި އަދި ރަޝިޔާގެ ގައުމީ މަސްލަހަތުގެ ރައްކާތެރިކުރުމަށް ޓަކައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށް ރައީސް ވްލަޑިމޭރު ޕޫޓިން ވިދާޅުވެއްޖެ އެެވެ.
ޕޫޓިން މިހެން ވިދާޅުވި އިރު އޭނާގެ ޔުކްރޭނާ ދެކޮޅަށް އަޅުއްވާ ފިޔަވަޅުތަކަށް ރަޝިޔާގެ ރައްޔިތުންގެ ތާއީދު ވަރަށް ބޮޑުކަމަށް ޚަބަރުތައް ބުނެ އެވެ. ޕޫޓިން މިހެން ވިދާޅުވުމުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އާއި ހުޅަނގުގެ އެހެން ބާރުތަކުން ވަނީ ދީފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވީ ރަޝިޔާ އިން ޔުކްރޭން ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފައިވާ ކަމަށާ ރަޝިޔާގެ ފަރާތުން ފެންނަމުން މިދަނީ 19 ވަނަ ގަރުނުގައި ކުރީގެ އިސްތިޢްމާރީ ބާރުތަކުގެ ފަރާތުން ފެނުނު ފަދަ ގައުމުތަކަށް އަރައިގަތުމުގެ ސުލޫކުކަމުގަ އެވެ.
މިނިންމުމާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން މަސައްކަތްކުރަމުން ގެންދާނެ ކަމަށް ވެސް ކެރީ ވިދާޅުވި އެވެ. އެންބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ކެރީ ވިދާޅުވީ ޖީ. 8 ގެ މެންބަރުކަމުން ރަޝިޔާ ވަކިކުރުމާއި ރަޝިޔާގެ ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި ޑިޕްލޮމަސީގެ ގޮތުން ރަޝިޔާ އެކަހެރި ކުރުމަށް އެމެރިކާއާއި ޔުރަޕް ގުޅިގެން މަސައްކަތްކުރާނެ ކަމުގަ އެވެ.
އަނެއްކޮޅުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ކެނެޑާފަދަ ޔޫރަޕްގެ ގައުމުތަކުން ވަނީ ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ 8 ގެ ގައުމުތަކުގެ ސަމިޓާއި އެސަމިޓަށް ތައްޔާރުވުމުގެ ބައްދަލުވުން ވެސް ބޮއިކަޓްކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަޝިޔާގެ އެތައް ހާސް ސިފައިންނެއް ގެންދަނީ ޔުކްރޭންގެ ކްރައިމިޔާ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ރަޝިޔާގެ ދެލައްކައެއްހާ ސިފައިން ޔުކްރޭންގެ އިރުމަތީ ސަރަހައްދީ ރޮނގުގެ ކައިރީގައި ބަރުހަތިޔާރާ އެކު ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ލަޝްކަރުތައް ކޮންމެ ވަގުތަކު ވެސް ޔުކްރޭނަށް ވެދެގެންފާނެކަމުގެ ބިރު އެބައޮތް ކަމަށް ޔުކްރޭންގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
ރަޝިޔާގެ ރައީސް ވްލްޑިމޭރު ޕޫޓިން ވަނީ ޔުކްރޭންގައި މިހާރު އުފައްފާދައިވާ ސަރުކާރުގެ ދުއްތުރާތައް އެގައުމުގައި ދިރިއުޅޭ ރަޝިޔާ ދަރިކޮޅުގެ މީހުން ތާށިވުމުގެ ފުރްސަތު ނުދެއްވާނެ ކަމަށާ ރަޝިޔާގެ ގައުމީ މަސްލަހަތުގެ ރައްކާތެރިކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް ރަޝިޔާއިން އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ރަޝިޔާގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ. (ނޫސްއެޖެންސީތައް)